އުސްފަސްގަނޑުގައި މިރޭ އެމްޑީޕީން ބާއްވާ ތަރާވީހަކަށް އއ. ތޮއްޑޫއިން 1000 ކިލޯ ކަރާ ހަދިޔާ ކުރަން ތޮއްޑޫގެ އެމްޑީޕީ ދާއިރާއިން ނިންމައިފި އެވެ.

އެމްޑީޕީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މިއީ ކަރާގެ މައްސަރެއް ކަމަށާއި ތޮއްޑޫއިން މިރޭ އުސް ފަސްގަނޑަށް 1000 ކިލޯގެ ކަރާ އަރުވާނެ ކަމަށެވެ.

"އަޅުގަނޑު މި ތަމްސީލް ކުރަނީ ތޮއްޑޫ ދާއިރާ، މިއީ ރޯދަ މަސް، ކަރާގެ މައްސަރު، މާދަމާރޭ [މިރޭ] އުސްފަސްގަނޑުގައި އޮންނަ ތަރާވީހަކަށް އަޅުގަނޑުގެ ދާއިރާ، ތޮއްޑޫ ދާއިރާގެ ރައްޔިތުން މިބުނަނީ 1000 ކިލޯގެ ކަރާ ފޮނުވާލާ ނަމޭ!" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން މިއަދު ވިދާޅުވީ އުސް ފަސްގަނޑުގެ ތަރާވީހަށް މިރޭ ފޮނުވާ ކަރަލަކީ އެދާއިރާއިން އެމްޑީޕީގެ މެންބަރުންނަށް ކުރާ ހަދިޔާއެއް ކަމަށެވެ.

"ތޮއްޑޫވީމަ އެންމެ ފަސޭހައިން ދެވޭނީ ކަރައެއްނޫންތޯ އެހެންވެ ކަރާ މިހަދިޔާ ކުރަނީ،" ޝިޔާން ވިދާޅުވި އެވެ.

ތޮއްޑޫއިން 1000 ކިލޯ ކަރާ މިރޭ އުސްފަސްގަނޑަށް ހަދިޔާ ކުރަން ނިންމާފައިވާއިރު ދޭތެރެ ދޭތެރެއިން އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ތަފާތު ތަކެތި އުސްފަސްގަނޑަށް ހަދިޔާގެ ގޮތުގައި ފޮނުވަ އެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހަދިޔާ ކޮށްފައި ހުންނަނީ ބޮނޑިބަތެވެ. މިއީ ކަރާ ހަދިޔާ ކުރާ ފުރަތަމަ ފަހަރެވެ.

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު އުޅެނީ 12ރ. އާއި 10ރ. ދޭތެރޭގަ އެވެ.