އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑްގެ ކުއާޓާ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމެއިން އާއި ވާދަކުރާ ޓީމަކަށް ބަޔާން މިޔުނިކް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދީ ފަހު 16 ޓީމުގެ ބުރުގައި ފްލެމިންގޯއާ ބައްދަލުކުރި މެޗު 4-2 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސްހާހެއްހާ މީހުން ކުރިމަތީ ކުޅުނު މިމެޗު ބަޔާނުން ފަށާފައިވަނީ ވަރަށް ފޯރީގައެވެ.

މިގޮތުން މެޗުގެ ހަވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ބަޔާންއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ކޯނަރު ފްލެމިންގޯގެ ގޯލަށް ވަދެފައިވަނީ އެ ޓީމުގެ އެރިކް ޕުލްގާ ގައިގައި ޖެހިފާ ބައިކޮޅަށެވެ. އަދި މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އިތުބާރު ފޯވަޑް ހެރީ ކޭންއެވެ.

މި މެޗުގައި ފްލެމިންގޯއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގާސަންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލިއޮން ގޮރެޓްޒްކާ ކާމިޔާބު ކޮށްދިން ލަނޑާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑުގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ފްލެމިންގޯއިން އިތުރު ހިތްވަރަކާއެކު ކުރި މަސައްކަތުން މެޗުގެ 55 ވަނަ މިނެޓުގައި ބަޔާންގެ ލީޑު އަނެއްކާވެސް އެއް ލަނޑަށް ބަދަލުކުރިއެވެ. މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ޖޯޖީނިއޯއެވެ. ބަޔާން އިން މި މެޗުގައި ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ. މިއާއެކު ނިމިދިޔަ ސީޒަނާއެކު ކޭން ޖަހާފައިވާ ލަނޑުގެ އަދަދު މިވަނީ 41 އަށް އަރައިފައެވެ.

މި ކާމިޔާބީއާއެކު ބަޔާން ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު މި އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕީއެސްޖީއާއެވެ. އަދި މި މެޗު ވެގެންދިޔައީ 11 މެޗަށްފަހު ފްލެމިންގޯ ބަލިވި ފުރަތަމަ މެޗަށެވެ.