ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު 65، މަރާލުމުގެ ތުހުމަތުގައި ދައުވާ ކުރި 18 އަހަރުން ދަށުގެ ކުޑަކުއްޖާ ދައުވާއަށް އިންކާރުކޮށްފި އެވެ. އެކުއްޖާ މިއަދު ދައުވާ އަށް އިންކާރު ކުރިނަމަވެސް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން މިއަދު އެ ކުއްޖާގެ މައްޗަށް ދައުވާ އިއްވުމުން ދައުވާއަށް އިންކާރު ކުރުމުން އެކުއްޖާގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުމުގެ ފުރުސަތު ކޯޓުން މިއަދު ދައުލަތަށް ދީފައިވާ ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިއަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދާއި ބައިވެރިވެގެން ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ތިން މީހުން އެގެއަށް ވަނުމަށްފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އެކުއްޖާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިލޭޝަން ޓޭޕުން ދެ އަތް ބަދެފައިވާ ކަމަށެވެ.

ދައުވާގައި ބުނަނީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ފައިސަލާއި ނައުޝާދުގެ ޝަރީއަތް ވަނީ މިދިޔަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ފަށާފައެވެ. އެ ދެ މީހުން ވެސް ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފައެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.