02 Aug 2012, 12:38
މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ ކުރީގެ ރައީސް ބަދުރުއް ނަސީރު އިސްތިއުފާ ދެއްވުމުން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވައިފި އެވެ.
ސަރުކާރުގެ ގެޒެޓްކުރި އިއުލާނެއްގައި ބުނަނީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ކޮމިޝަނުގެ މެންބަރު ކަމަށް އެދޭ ފޯމާއި އިގުރާރު ދޫކުރުމާއި، ބަލައިގަތުން ވެސް 15 ވަނަ ދުވަހާއި ހަމަޔަށް ރައީސް އޮފީހުގައި އޮންނާނެ ކަމަށެވެ.
ކޮމިޝަނުން އިސްތިއުފާދެއްވުމަށް ފަހު ބަދުރު ނެރުއްވި ބަޔާނެއްގައި ބުނަނީ ބްރޯޑްކާސްޓިން ކޮމިޝަނާ އޭނާ ގުޅިވަޑައިގަތީ މީޑިއާ މެދުވެރިކޮށް ގައުމަށް އިތުރު ހިދުމަތެއް ކުރުމުގެ ދޮރު މުޅިން ލެއްޕިފައި ވަނިކޮށް ރެގިޔުލޭޓަރެއްގެ ހައިސިއްޔަތުން އިތުރު ހިދުމަތްތަކެއް މިދާއިރާއަށް ކުރެވިދާނެ ކަމުގެ ފޮނި އުންމީދާ އެކީގައި ކަމަށެވެ. ނަމަވެސް ރާއްޖެ މިއަދު ތަހައްމަލް ކުރަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެ އުންމީދުތަކަށް ފުރުސަތު ވަރަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި ހާއްސަގޮތެއްގައި ދައުލަތަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ އެންމެ ބޮޑު އަސަރެއް ކުރިމަތިވެފައިވާ އެއް މުއައްސަސާއަކީ އެކޮމިޝަން ކަމަށް ވުމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
އަދި ސަރުކާރުގެ ވެރިންނާއި އާންމު ރައްޔިތުންގެ ސިޔާސީ ނަފުރަތާއި ފުރައްސާރައަށްވުރެ ބޮޑަށް ބޭނުންފުޅުވަނީ އެމަނިކުފާނުގެ އުމުރުފުޅާ ގުޅޭ މިނިވަން އަމާން އަދި ހިމޭން މާހައުލެއްގައި ދިރިއުޅުއްވަން ކަމަށެވެ.