30 Jun 2025, 09:11
ރާއްޖޭގެ މަގުބޫލު ރެކޯޑިން ލޭބަލް ކަމަށްވާ ސިމްބޮލިކް ރެކޯޑްސްގެ އާ ސިންގަލް "ކަޅިރަވަ" އާންމުކޮށްފިއެވެ.
އަލަށް ނެރުނު ސިންގަލް ދޫކޮށްލާފައިވަނީ މިއުޒިކް ވީޑިއޯއަކާއެކުގައެވެ. އަލަށް ނެރުނު ލަވައިގައި ކިޔައިދެނީ ފުރަތަމަ ނަޒަރުން ހިތް ކިޔައި ޝައުގުވެރިކަން އުފެދި ދެމީހުންގެ ދެމެދުގައި ގުޅުމެއް ވަރުގަދަ ވެގެންދާ ތަނެވެ. ލަވައިގެ އޯޑިއޯއިން ވެސް ކިޔައިދެނީ އެކަހަލަ ވާހަކައެކެވެ.
ކަޅިރަވަ ޕްރޮޑިއުސްކޮށްފައިވަނީ ޕެންޑާއެވެ. މި ލަވައިގެ މިކްސިންގެ މަސައްކަތް ކޮށްފައިވަނީ މާޓު އާއި ހައިޝަމް އެވެ.
ލަވައިގެ މިއުޒިކް ވީޑިއޯއިން ފެންނަނީ ޝާމް، ޔުމީ، ޝާހާ އަދި އައުފް އެވެ. މި މިއުޒިކް ވީޑިއޯ އާއި ލަވައިގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ވަނީ ސިމްބޮލިކް ރެކޯޑްސްގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.
ލަވަ ރިލީޒްކުރިތާ މިހާރު އެއް ދުވަސް ވެފައިވާއިރު އެތައް ފޭނުންގެ ފަރާތުން ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ގިނަ ބަޔަކަށް ލަވަ ވަރަށް ކަމުގޮސްފިއެވެ. އެއްބަޔަކު ބުނާގޮތުގައި ހުއްޓާލުމެއް ނެތި މިހާރުވެސް ލަވަ އަޑުއެހެނީއެވެ.
ސިމްބޮލިކް ރިކޯޑްސްއިން އަންނަނީ ދިވެހި ރެޕް އާއި ހިޕްހޮޕަށް ޚާއްސަ ތަފާތު އެކި މިއުޒިކް ރިލީޒްކުރަމުންނެވެ. ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ޖޯންރާގެ މިއުޒިކަކީ ގިނަ ޒުވާނުން އަޑު އަހައި އުޅޭ ޖޯންރާއެކެވެ. ސިމްބޮލިކް ރިކޯޑްސް އިން މިދިޔަ މަހުގެ ފަހުކޮޅުގައި ވަނީ "6: އަންރިޓެން ޗެޕްޓާސް"ގެ ނަމުގައި އަލްބަމެއް ރިލީޒްކޮށްފައެވެ.
ޖުމްލަ 18 ލަވަ ހިމަނާފައިވާ މި އަލްބަމަކީ ސިމްބޮލިކް ރިކޯޑްސްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިން ހިމެނޭގޮތަށް އެކުލަވާލާފައިވާ އަލްބަމެކެވެ.