02 Aug 2012, 12:28
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ގުޅިގެން ނޭޝަނަލް އިންކުއާރީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ބައެއް ފަރާތްތަކުގެ ފޯން ކޯލްތަކުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގޮތާ ބެހޭ ގޮޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު ވާހަކަދައްކަވަމުން އެކޮމިޝަންގެ މެންބަރު ޑރ. އިބްރާހިމް ޔާސިރު މިއަދު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ބައްދަލުކޮށް ބައެއް ފަރާތްތަކުގެ ފޯންކޯލްތަކުގެ ރެކޯޑިން އާއި އެފަރާތްތަކުގެ ކޯލް ލޮޖް ހޯދޭނެ ގޮތަކާ މެދު މަޝްވަރާތައް ކޮށްފައިވާ ކަމަށާއި އެގޮތުން މިހާތަނަށް އެކޮމިޝަނުން ބޭނުންވާ ވަރަށް ގިނަ ފޯން ކޯލްތަކެއްގެ ފޯން ލޮގްތައް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ފޯން ކޯލްސްތަކުގެ ރެކޯޑިން ހޯދުމުގައި ކޮމިޝަނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޯން ކޯލްސްތަކުގެ ރެކޯޑިން ހޯދުމުގައި ދަތިތަކެއް އެބަހުރި، އެއީ ކޯލްތަކުގެ ރެކޯޑިން ބެހެއްޓުމުގެ ގަވާއިދެއް ވެސް އެބޭފުޅުންގެ ތެރޭގައި ނޯވެ، އެހެންވެ އެތަކެތި ފޯރުކޮށްދެވެން (ޓޭމް) އަކަށް ނެތް،" ޑރ. ޔާސިރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާބެހޭ ގޮތުން އިންކްއަރީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް މިހާތަނަށް ދެ މުއައްސަސާއަކުން ލިބެންޖެހޭ އެއްބާރުލުން އަދި ލިބިފައިނުވި ނަމަވެސް އެކޮމިޝަންގެ ތަހުގީގަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން އަންނަ ކަމަށް އެކޮމިޝަނުން ބުންޏެެވެ.
ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގީ ރިޕޯޓެއް އެކުލަވާލުުމުގެ މަސައްކަތް ކުރަމުން ގެންދާ ކޮމިޝަންގެ ކޯޗެއާ ސިންގަޕޫރުގެ ޖަޖު ޖަސްޓިސް ޕީ ސެލްވަމް ވިދާޅުވީ އެކޮމިޝަންގެ ތަހުގީގު ނިންމައި ސަރުކާރަށާއި އެރިޕޯޓް ހުށަހަޅަން ޖެހޭ އެހެން ފަރާތްތަކަށް މިމަހުގެ 29 ގައި ހުށަހަޅުއްވާނެ ކަމަށާއި ޖެހިގެން އަންނަ ދުވަހު އެރިޕޯޓް މީޑިއާއަށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް މިހާތަނަށް އެމްޑީޕީންނާއި އެހެނިހެން މުއައްސަސާތަކުން ކޮށްފައިވާ ތަހުގީގްތަކުގެ ރިޕޯޓް ވެސް އެކޮމިޝަނަށް ލިބިފައިވާ ކަމަށާއި ކޮމިޝަންގެ ތަހުގީގީ ރިޕޯޓެއް އެކުލަވާލެއްވުމުގައި އެރިޕޯޓްތަކަށް ބައްލަވާނެ ކަމަށްވެސް ސެލްވަމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމްގެ ބޭންކް ސްޓޭޓްމަންޓް އެކޮމިޝަނާއި ހާމަކުރައްވާފައިވާ ކަމަށާއި ސްޓޭޓްމަންޓް އާއްމުކުރުމުގައި ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް ޝިޔާމް ވިދާޅުވެފައިވާ ކަމަށްވެސް ސެލްވަމް ވިދާޅުވި އެވެ. އެކޮމިޝަނަށް މިހާތަނަށް ބޭންކް ސްޓޭޓްމަންޓް ހުށަހެޅުއްވި ފުރަތަމަ ފަރާތަކީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.
މީގެއިތުރުން ވެސް ބައެއް ފަރާތްތަކުން އެކޮމިޝަނަށް ބޭންކް ސްޓޭޓްމަންޓް ހާމަކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންކޮން ފަރާތެއް ކަމެއް ސެލްވަމް ވިދާޅެއް ނުވެ އެވެ.
އެކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދެވުމަށް މިހާތަނަށް އެކޮމިޝަނަށް 269 ފަރާތެއްގެ މައުލޫމާތު ލިބިފައިވާއިރު 16 ފަރާތެއްގެ އިންޓަވިއު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އެކޮމިޝަނުން ބުންޏެވެ.