02 Aug 2012, 11:46
އިނގިރޭސި ވިލާތުގެ ލަންޑަންގައި މިހާރު ކުރިޔަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ފިރިހެން ފެތުންތެރިޔާ އަޙްމަދު ހުޝާމް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ބޮޑު ތަފާތަކުން ޤައުމީ ރެކޯޑެއް އާކޮށްފަ އެވެ.
އޭނާ 100 މީޓަރު ފްރީސްޓައިލް ރޭސް ނިންމާފައިވަނީ 57:53 ސިކުންތުންނެވެ. އެއީ މިއިވެންޓުގެ ކުރީގެ ރެކޯޑަށްވުރެ 02:45 ސިކުންތުގެ އަވަސް ވަގުތެކެވެ.
މީގެ އިތުރުން ހުޝާމް ވާދަކުރި މިއިވެންޓުގައި އޭނާ ވާދަކުރި ހީޓުން އޭނާ ރޭސް ނިންމާފައި ވަނީ ދެ ވަނަ ފެތުންތެރިޔާގެ ގޮތުގަ އެވެ.
ހުޝާމް އާކުރި މިއިވެންޓުގެ ކުރީގެ ރެކޯޑު ވަގުތަކީ 59:98 ސިކުންތެވެ. މިއިވެންޓުގެ ރެކޯޑު އާކުރުމުން މިއީ މިހާތަނަށް ދިވެހި ފެތުންތެރިއަކު 100 މީޓަރު ފްރީސްޓައިލް މިހާ ބާރުމިނުގައި ޖަހާފައިވާ ފުރަތަމަ ފަހަރަށް ވަނީވެފަ އެވެ.
ހުޝާމަކީ ސްވިމިން އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގުޅިގެން މިހާރު ޝްރީލަންކާގައި ތަމްރީނުތައް ފުރިހަމަކުރަމުންދާ ފެތުންތެރިއެކެވެ. އޭނާއަށް އޮލިމްޕިކް ސޭމްސްގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައި ވަނީ 2011 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް އޭނާ ހޯދި ނަތީޖާއިންނެވެ.
ޤައުމީ ރެކޯޑު އާކުރި މިއިވެންޓުގެ ރެކޯޑު މީގެ ކުރިން އޮތީ ވެސް އޭނާގެ އަތުގަ އެވެ. ކުރީގެ ރެކޯޑު އޭނާ ހަދާފައި ވަނީ 2011 ވަނައަހަރު ޗައިނާގައި ބޭއްވި ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގަ އެވެ.