މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ސްރީލަންކާގެ މީހަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މުހައްމަދު އަރަފާތު މުހިއްދީން އަބްދުލް ކަދެރު އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ މަނާކޮށްފައިވާ މަސްތުވާއެޗެއް ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އާއި ހެލްތު މިނިސްޓްރީގެ ހުއްދަނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އެވެ.
މަނާކޮށްފައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެރެ ކުރުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު މަސްތުވާ ބޭހެއް ރާއްޖެ އެތެރެ ކުރުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސްރީލަންކަން އެއާލައިނަކުން އޭނާ ރާއްޖެ އައިއިރު އޭނާގެ ފޮށީގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ 67.2606 ގްރާމް ހެރޮއިން އާއި 272.7462 އެސިޓައިލް މޯފިނާއި 48.2392 ގްރާމް ޑައިޒިޕާމް ފެނިފައިވާކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެނގެން އޮންނަކަމަށެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. އެއީ އޭނާ އެކުށް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ފަހުގެ ގާނޫނު ފާސްކުރުމުގެ ކުރިން ކަމަށްވާތީ އެވެ.

މަސްތުވާތަކެއްޗާއި ބެހޭ ފަހުގެ ގާނޫނުގެ ދަށުން މަސްތުވާތަކެތި އެތެރެ ކުރާ މީހަކު އުމުރަށް ޖަލަށް ލުމުގެ އިތުރުން ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެއެވެ.

އެ ގާނޫނުގެ ދަށުން މިހާތަނަށް ދިވެއްސަކާއި ޕާކިސްތާނުގެ ދެ މީހެއްގެ މައްޗަށް ވަނީ މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.