28 Jun 2025, 21:37
ދިވެހި ބަހުގެ އެކެޑަމީން 2600އަށްވުރެ ގިނަ ދަރިވަރުންނާއެކު މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދިޔަ އަދަބީ ތިން މުބާރާތް، ކާމިޔާބުކަމާ އެކު ނިންމައިލައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ތިން މުބާރާތަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތް އަދި ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 28ވަނަ ޤައުމީ މުބާރާތެވެ.
މި މުބާރާތްތައް ބާއްވައިފައި ވަނީ ދަންފަޅި ތަކަކަށް ބަހައިލައިގެންނެވެ. އެ ގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަޒުމޫނު ލިޔުމުގެ މުބާރާތެވެ. މި މުބާރާތް ހެނދުނު 08:00ގައި ފެށިއިރު، މުބާރާތުގައި 1،099 މީހުން ބައިވެރި ވެފައި ވެއެވެ.

އަދަބީ ތިން މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
މި މުބާރާތަށްފަހު ދެން ބޭއްވީ ވާހަކަ ލިޔުމުގެ މުބާރާތެވެ. މި މުބާރާތް ބޭއްވީ މިއަދު މެންދުރު 12:00ގައެވެ. މި މުބާރާތުގައި ބައިވެރިވީ 1،023 މީހުންނެވެ.
އެންމެ ފަހު މުބާރާތެއްގެ ގޮތުން މިއަދު ބާއްވައިފައި ވަނީ، ޅެންހެދުމުގެ މުބާރާތެވެ. މި މުބާރާތް މިއަދު ހަވީރު 04:30ގައި ބޭއްވި އިރު، މި މުބާރާތުގައި ބައިވެރިވީ 526 މީހުންނެވެ.
އެހެންކަމުން ތިން މުބާރާތުގައި ޖުމުލަ 2،648 ބައިވެރިން ބައިވެރިވިއެވެ.
ފާހަގަކޮށްލެވޭ ގޮތުން މިއިން ކޮންމެ މުބާރާތެއްގައި ވެސް ދަށު ސާނަވީ، ސާނަވީ، މަތީ ސާނަވީ އަދި އަމިއްލަ ގޮތުން ބައިވެރިން ބައިވެރިވެފައި ވެއެވެ.
މި އަހަރު މަޒުމޫނު ލިޔުމުގެ 40ވަނަ ޤައުމީ މުބާރާތް ބޭއްވީ ބަދަލުތަކަކާ އެކުއެވެ. މީގެ ކުރިން މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ ދާއިރާތައް ގުރުއަތުލައިގެން ގުރުއަތުން ދިމާވި ދާއިރާއެއްގައި ހިމެނޭ މައުޟޫޢުތަކުން އެ ބައިވެރިއަކު އިޚްތިޔާރުކުރާ މައުޟޫޢަކަށެވެ.

އަދަބީ ތިން މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ/ މާނިއު މުހައްމަދު
އެހެން ނަމަވެސް މި އަހަރުގެ މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް ވަނީ މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކޮށްފައެވެ. ކޮންމެ އުމުރުފުރައަކަށް ވެސް ދީފައިވާ މައުޟޫއުތަކުގެ ތެރެއިން، ބައިވެރީން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައެޅީ މުބާރާތް ބޭއްވި މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންނެވެ. ގުރުނަަގައިފައި ވަނީ ޕޯޓަލެއް މެދުވެރިކޮށެވެ.
މި މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔުނީ އެ ދަރިވަރަކު ބައިވެރި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔުނީ ކަލާފާނު ސްކޫލުގައެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔުނީ އެ ބައިވެރިއަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކުރައްވައިފައި ވާ، މިހާރު ދިރިއުޅޭ ރަށެއްގައި، އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.
މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދިޔައީ ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ.