މަހުގެ ބާވަތްތައް ވިއްކަން ފެލިވަރު ފިސަރީޒް މޯލްޑިވްސް ލިމިޓެޑުން ތައްޔާރުކުރި ފިހާރަ މާލޭގައި ހުޅުވައިފި އެވެ.

މާފަންނު ހިލާލީމަގުގައި މިފްކޯ މަސްފިހާރައާ އިންވެގެން "ފެލިވަރު ފިހާރަ" ނަމުގައި ހުޅުވި އެފިހާރަ އިއްޔެ ހުޅުވައިދިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.

ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން މުހައްމަދު އިމްތިޔާޒު (އިންތި) ވިދާޅުވީ އެ ފިހާރާގައި ފެލިވަރުން އުފައްދާ ހުރިހާ ބާވަތްތައް ވިއްކަން ހުންނާނެ ކަމަށާއި ރޯދައަށް ހާއްސަ ފިހާރައިގެ ތަކެތި ހެޔޮ އަގުތަކެއްގައި ބަހައްޓާނެ ކަމަށެވެ.

އެފިހާރައިން ކުރުނބާ ފަންނާއި ރުކުރަލާއި ކާއްޓާއި ދިވެހި ކުކުޅު ބިހާއި ރިހާކުރުގެ އިތުރުން ފެލިވަރުން އުފައްދާ ކާށި ތެލުގެ ވައްތަރުތަކާއި ދަޅުމަހުގެ އިތުރުން މަހުން އުފައްދާ އެހެން ބާވަތްތައް ލިބެ އެވެ.

ފެލިވަރު ފިހާރައިން 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ލިބެނީ 821ރ. އަށެވެ. އަދި 24 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް 428ރ. އަށެވެ. އަދި 48 ދަޅުގެ ފެންމަސް ދަޅު ކޭހެއް 674ރ. އަށް ލިބެން ހުރިއިރު 24 ދަޅުގެ ފެން މަސްދަޅު ކޭހެއް ލިބެނީ 435ރ. އަށެވެ. ވަޅޯމަސް ލިބެން ހުރީ ކިލޯއެއް 135ރ. އަށެވެ. އަދި ރިހާކު 330 ގުރާމްގެ އާދައިގެ ރިހާކުރު 45ރ. އަށް ވިއްކާއިރު 300 ގުރާމްގެ ތެލުލި ރިހާކުރު ވިއްކަނީ 50ރ. އަށެވެ. ދިވެހި ކުކުޅު ބިހެއް ފަސް ރުފިޔާއަށެވެ.

ފެލިވަރު ފިހާރައިން ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވެސް މަސް ދަޅު ވިއްކަ އެވެ. މިއީ ފެލިވަރުން މަސްފިހާރައެއް ހުޅުވި ފުރަތަމަ ފަހަރެވެ.