26 Aug 2010, 11:40
16:40
ވެރިރަށް މާލޭގެ ބައެއް ބިންތައް ވިއްކަން މާލޭ މުނިސިޕަލްޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ދައުވާއެއް ކޮށްފި އެވެ. މުނިސިޕަލްޓީގެ މައްޗަށް ކުރި މި ދައުވާގައި މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް ވެސް ވެސް އެދިފައިވެ އެވެ.
ސަރުކާރާ ދެކޮޅު، ޑީއާރްޕީއާ، ޕީއޭއާ، ޖުމްހޫރީ ޕާޓީއާ އަދި ގައުމީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ދައުވާގައި ބުނަނީ އާ ހާބަރު ސަރަހައްދުން 2000 އަކަފޫޓުގެ ފަސް ބިމާއި 5000 އަކަފޫޓުގެ ތިން ބިމާއި 7500 އަކަފޫޓުގެ ދެބިމާއި 10000 އަކަފޫޓުގެ ބިމެއް ވިކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އިއުލާނުކޮށް އެކަން މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އިއްތިހާދުގެ ދައުވާގައި ބުނަނީ ބިމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައިވާ ގޮތުން ބިމާ ބެހޭ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށާއި އެކަމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ ލާޒިމުކުރާ ފަދަ ވަޒީރުންގެ މަޖިލީހެއް ނެތި ބިން ވިއްކުމުގެ ސިޔާސަތެއް ނެރެ މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
އާހާބާރުން ބިން ވިއްކުމަކީ ވިޔާފާރި ބަންޑާރަ ބިން އަމިއްލަވެގެންދާނެ ކަމަކަށްވާ އިރު އެފަދަ ބިން އަމިއްލަ ކުރުމުގެ ގަވައިދުގެ 10 ވަނަ މާއްދާގައި ބުނާ ކޮމެޓީން އަގެއް ކަނޑައެޅުމަކާ ނުލައި ބިންތައް ވިއްކުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށެވެ.