02 Aug 2012, 11:10
އިސްލާމްދީނުގެ ޚާއްޞަ މޮޅު ސިފަތަކުގެ ތެރޭގައި އެދީނުގައި މުޢާމަލާތަށް މަގު ދައްކަވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އިސްލާމްދީން ވަނީ ގަނެވިއްކުމާއި، ކުއްޔަށް ދިނުމަށާއި، ގިނަ ބަޔަކު ބައިވެރިވެގެން ވިޔަފާރި ކުރުމާއި، ވަކާލާތު ކުރުމާއި، ޖާމިނުވުން ފަދަ މުޢާމަލާތުތައް ހުއްދަ ކުރައްވައިފައެވެ. އެކަންކަމުގެ އިންތަކާއި މިންގަނޑުތައް އެކަށައަޅުއްވައިދެއްވައިފައެވެ.
ކީރިތި ޤުރްއާނާއި އިސްލާމް ދީނުގެ ނަބިއްޔާގެ ސުންނަތުގެ ނައްޞުން މިކަންކަމުގައި މަނާކުރައްވައިފައިވާ ކަންކަން ފިޔަވައި އެހެނިހެން ދާއިރާތައް ވަނީ ހުއްދަ ކުރައްވައިފައެވެ. މުޖުތަމަޢުގެ ޞުލްޙަވެރިކަމާއި، އެއްބައިވަންތަކަމަކީ މި ދާއިރާގައި އިސްލާމްދީނުގެ އަމާޒެކެވެ. އިސްލާމްދީނުގައި ގޯތިގެދޮރާއި ބިންބިމުގައި އަވަށްޓެރިކަމުގެ ޙައްޤު ދެއްވައިފައިވަނީ އެކަންކަމުގައި ގުޅިފައިވާ ފަރާތްތަކަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކަކަށް ރިޢާޔަތް ކުރުމާއެކުގައެވެ. އިސްލާމްދީނުގެ އަމާޒަކީ އެއްވެސް މީހަކު ހުއްދަނޫން ފައިދާއެއް ލިބިނުގަތުމެވެ. އެއްވެސް މީހަކަށް އެމީހެއްގެ ކުށެއް ނުވަތަ ފަރުވާ ކުޑަ ކުރުމަކާނުލައި ގެއްލުމެއް އުފުލާން ނުޖެހުމެވެ. އާދެ، ގެއްލުން ނުދިނުމާއި ގެއްލުން ލިބިނުގަތުމެވެ.
އިސްލާމްދީން ވަނީ އަމާނާތްތެރިވުމަށް އަމުރުކުރައްވައިފައެވެ. މުޢާމަލާތައް ރީތިކުރުމަށް އިރްޝާދު ދެއްވައިފައެވެ. މީހާ މަރުވުމަށްފަހު އޭނާގެ ތަރިކަ އަވަހަށް ބަހައިލުމަށް އަމުރުކުރައްވައި ބެހެނިވެރީންނަށް ލިބެންވާ މިންވަރު އެކަށައަޅުއްވައިދެއްވައިފައެވެ. އަންހެނުންނަށް ތަރިކައިން ބައިލިބޭނެގޮތް ހަމަޖައްސަވައިދެއްވައިފައިވާ ކަމީ ލަޠީފު ޖިންސަށް އިސްލާމްދީން ކޮށްދެއްވައިފައިވާ ވަރަށް ޚާއްޞަ އިޙްސާންތެރިކަމެކެވެ. ދުނިޔޭގައި ތަހުޒީބު ޤައުމުތަކެއް ކަމުގައި ދަޢުވާކުރާ އެތައް ޤައުމުތަކެއްގައި އަދިވެސް އަންހެންދަރީން ވަނީ ވިރާޘަތުގެ ޙައްޤުން މަޙުރޫމުކޮށްފައެވެ. އަންހެންދަރީންނަށް ތަރިކަމުދަލުން ބައިލިބޭ މަދު ތަންތާނގައިވެސް އެކަން ފެށިފައިވަނީ އިސްލާމީ ތަހްޒީބުގެ ނުފޫޒުގައެވެ.
އިސްލާމްދީން ވަނީ ކާވެންޏަށް ބާރުއަޅުއްވައިފައެވެ. މާތްﷲ ކަނޑައަޅުއްވައިފައިވާ އިންތައް ދެމަފިރީންނަށް ޤާއިމުނުކުރެވި އިންތިހާއަށް ލާޒިމުވާ ޙާލަތްތަކުގައި ކާވެނި ރޫޅައިލެވޭނެ މަގު ފަހިކޮށްދެއްވައިފައެވެ. ވަރި ކުރުމަށްފަހު އަލުން ރުޖޫޢަ ކުރެވޭނެ މަގުވެސް ފަހި ކޮށްދެއްވައި އެކަމުގެ ޙުކުމްތައް އެކަށައަޅުއްވައިދެއްވައިފައެވެ.
ޝައްކެއް ނެތެވެ. އިސްލާމްދީނުގައިވާ މުޢާމަލާތުގެ ފުރިހަމަ ޙުކުމްތަކާއި ޤަވާޢިދުތަކަކީ އިސްލާމްދީނަކީ އަރަހުށި މާތްﷲ އިންސާނިއްޔަތަށް ފޮނުއްވައިފައިވާ އެންމެ ފުރިހަމަ ޝަރީޢަތް ކަމާއި، ޙަޔާތުގެ އެންމެ ހަމަޖެހޭ ނިޒާމު ކަމުގެ އަލިގަދަ ދަލީލެކެވެ.