28 Jun 2025, 10:09
މިހާރު މަސައްކަތް ފަށާފައިވާ ބޮލީވުޑް ފިލްމު "ބޯޑާ 2"އިން އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސާންޖް ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރުން ބުނެފިއެވެ.
އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި އެކްޓަރު މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ "ބޯޑާ 2"އިން އޭނާ ވަކިކުރުމަށް ގޮވާލާފައި ވަނީ، ޕާކިސްތާނުގެ ފިލްމީ ތަރިންތަކެއް ހިމަނައިގެން އޭނާ ފިލްމެއް އުފައްދައި އެ ފިލްމު ރިލީޒްކުރާނެކަން އިއުލާނުކުރުމާ ގުޅިގެންނެވެ.
ޕާކިސްތާނުގެ ކާމިޔާބު ބަތަލާ ހާނިއާ އާމިރު މުހިއްމު ރޯލަކުން ފެންނަ ފިލްމު "ސަރުދާރު ޖީ"އަކީ ދިލްޖީތު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ އަދި އޭނާ ލީޑް ރޯލް ކުޅޭ ފިލްމެކެވެ.

ދިލްޖީތު ދޮސާންޖު ކާސްޓުގައި ހިމެނޭ ފިލްމު "ބޯޑާ 2"ގެ ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ރިލީޒްކޮށްފައިވާއިރު އިންޑިއާގެ ފިލްމު ފެޑަރޭޝަނުން ވަނީ ދިލްޖީތު ފިލްމު އިންޑަސްޓްރީއިން ބޮއިކޮޓްކޮށް ބްލެކްލިސްޓު ކުރުމަށް ގޮވާލާފައެވެ.
އެގޮތުން "ބޯޑާ 2" ގެނެސްދޭ ޓީ-ސީރީސް އާއި ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސްއަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ)އިން ފޮނުވި ސިޓީއެއްގައި ބުނީ ދިލްޖީތު ހިމަނައިގެން "ބޯޑާ 2" ހަދާ ނަމަ ފިލްމުގެ ޓީމާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.
ނަމަވެސް ފިލްމު "ބޯޑާ 2"ގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާން ޓައިމްސްއިން ބުނެފައި ވަނީ އެ ފިލްމުގެ ކާސްޓުން ދިލްޖީތު ވަކި ނުކުރާނެ ކަމަށެވެ.
އެ ފިލްމުގެ މަސައްކަތް މީގެ ނުވަ މަސް ކުރިން ފަށައި ފިލްމުގެ 40-50 އިންސައްތަ ޝޫޓިންގް ނިމިފައިވާއިރު ފިލްމަށް އިތުރު ބަދަލު ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށް "ބޯޑާ 2"ގެ ޓީމާ ހަވާލާދީ ހިންދުންސްތާން ޓައިމްސްގައި ވަނީ ބުނެފައެވެ.
ފިލްމު "ބޯޑާ 2" އަކީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށްދިޔަ އަސްކަރީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް 1997 ވަނަ އަހަރު ގެނެސްދިން ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ.
އެކްޓަރު ސަނީ ޑިއޯލް މުހިއްމު ރޯލްއިން ފެނުނު އެ ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ނަމަވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.