02 Aug 2012, 11:05
މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށްފައިވާ 13 މީހެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ 13 މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
ދައުވާ ކުރަން ފޮނުވި މީހުންނަކީ ގދ. ރަތަފަންދޫ، ގުލްދަސްތާގޭ، މުހައްމަދު ހަމީދު 26، އާއި ހ. އައިބަހާރު، އަބްދުﷲ ލަތީފް 30، އާއި މ. ކޯޒީނެސްޓް، އިބްރާހިމް ހަސަންމަނިކު 37، އާއީ ހ. ސީމާވިލާ، ހަމްދޫން ރަޝީދު 29، އާއި ރ. މަޑުއްވަރީ، އިރުދޭމާގޭ، ހަސަން ޝިޔާމް 39، އާއި ސ. ހުޅުދޫ، ނިޔަދުރުމާގެ، ޢަލީ ޒުހައިލު 28، އާއި އއ. ތޮއްޑޫ، ރަތްވިލާގޭ، މުހައްމަދު ފަޒީލް 31، އާއި ގދ. ގައްދޫ، ދަތުރުނާގޭ، އިސްމާއިލް ނަވާޒް ސައީދު 19، އާއި ޅ. ހިންނަވަރު، ކަނީރުމާގެ، ޒާހިދު އަހުމަދު 29، އާއި ޅ. ނައިފަރު، ފަރިހުގޭ، ހުސެއިން އަބްދުލްހަކީމް 31، އާއި ގއ. ކޮނޑޭ ފޮޅޭމާ، އިބްރާހިމް ޔާމީން 20، ގެ އިތުރުން ޅ. ނައިފަރު ކަސްތޫރިމާގެ، މޫސާ އަހުމަދު 25، އާއި ގއ. ގެމަނަފުށީ ފަރުދާގޭ، އަހުމަދު ޖަވާދު 32، އެވެ.
ފުލުހުން ބުނީ އެ 13 މީހުންނަކީ މަސްތުވާތަކެތީގެ ތަފާތު 12 މައްސަލައެއްގައި ހިމެނޭ މީހުންކަމަށާއި އެ މީހުންގެ ތެރެއިން ހަމީދު ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ 22، 2009 ވަނަ ދުވަހު ހ. ކެތި އުތުރުފަރާތުގޭގެ ތަޅާފައި ހުރި ތަނެއްގައި ހުރި މޭޒުމަތީގައި އޭނާ ބޯއަޅައިގެން އޮއްވާކަމަށެވެ. އަދި އެ މޭޒުމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މީހުންގެ ތެރެއިން ލަތީފު ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ހަސަން މަނިކު ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ކަމަށާއި ހަމްދޫން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު ކަމަށެވެ. އަދި ޝިޔާމު ވެސް ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި މިއަހަރުގެ މެއި 28 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރެއިން ޒުހައިލު ހައްޔަރު ކުރީ 2010 ވަނަ އަހަރު މާފަންނު މަދަރުސާ ކައިރީގައި ހިނގި އެކްސިޓެންޑެއްޓަކާއި ގުޅިގެން އެވަގުތު އެތާގައި އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އަދި ފަޒީލު ހައްޔަރު ކުރީ މި އަހަރުގެ މެއި 22 ވަނަ ދުވަހު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ޝައްކު ކުރެވިގެންކަމަށާއި ނަވާޒު ހައްޔަރު ކުރީ މިއަހަރުގެ ޖޫން 25 ވަނަ ދުވަހު މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތުގައި ކަމަށެވެ.
މީގެ އިތުރުން ޒާހިދު ހައްޔަރު ކުރީ މިއަހަރުގެ ޖޫން 18 ވަނަ ދުވަހު މަސްތުގެ ހާލަތުގައި ހުރިކަމުގައި ކަމަށާއި ހުސެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރުގެ މެއި އަށް ވަނަ ދުވަހު މަސްތުގެ ހާލަތުގައި ހުރިކަމުގެ ތުހުމަތު ކުރެވިގެން ކަމަށާއި ޔާމީން ވެސް ހައްޔަރު ކުރީ މަސްތުވެގެން ހުރިކަމަށް ޝައްކު ކުރެވިގެން މިއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ކަމަށާއި މޫސަ އާއި ޖަވާދު ހައްޔަރު ކޮށްފައި ވަނީ މިއަހަރުގެ ޖޫން 16 ވަނަ ދުވަހު ހިތްފަސޭހަ ގޯޅީގައި ހުންނަ އާންމު ފާޚާނާ ތެރޭގައި މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.