ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފާސްކުރި އަސާސީ ގަވާއިދަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް އެފްއޭއެމް މެމްބަރުކަން އަނެއްކާ ވެސް ލިބިއްޖެއެވެ.

ފުޓުބޯޅައިން ނިއު ރޭޑިއަންޓް ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީގައި އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައެވެ. އެ ކުލަބު ސަސްޕެންޑުކުރީ ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައެވެ.

ވިކްޓްރީ ސަސްޕެންޑުކުރީ ހަމަ އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ކުލަބު ސަސްޕެންޑުކުރީ މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށެވެ.

ދެ ކްލަބްގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރިންނެވެ. ވިކްޓަރީ ވަނީ ދާދިފަހުން ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައެވެ. ނިއު އަދިވެސް އޮތީ ދެވަނަ ޑިވިޝަނުގައެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި، މިހާރު ވާދަކުރަމުން އަންނަ ކްލަބްތަކަކީ އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު ފާސްކޮށްފައެވެ.

މި ބަދަލާއެކު ފުރަތަމަ ޑިވިޝަނުގައި 10 ކްލަބް ހިމެނޭނެއެވެ. އަދި ދެވަނަ ޑިވިޝަނުގައި ހިމެނޭނީ 13 ކްލަބެވެ.

ޒަމާންވީ ބޮޑު ދެ ކްލަބު ސަސްޕެންޑް ކުރުމުގެ ފަހަތުގައި އޮތީ އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަަ ވައްދަން އުޅުމުން ކަމަށް ވާހަކަދެކެވުނެވެ. އެ ކުލަބުތަކުގެ އިސްވެރިން ވެސް ވަނީ އެކަން ފާޅުކަންބޮޑު ގޮތެއްގައި ފާހަގަކޮށް ބައްސާމުގެ ދައުރުގައި ހިނގައިދިޔަ ގޯސް ކަންކަމާ ގުޅޭގޮތުން އަޑުއުފުލާފައެވެ.

ބޮޑު ދެ ކުލަބު ސަސްޕެންޑުކުރުމާއެކު ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ ގިނަ ބަޔަކު އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.