ރައީސް މުހައްމަދު ނަޝީދު މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ދަންނަވާފައިވާ ގަޑި އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން މިއަދު މެންދުރު ފަހުގެ 2:00 ބަދަލުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކުގައި ފުލުހުންނަށް ހަމަލާދީ ފުލުހުންނަށް ނިސްބަތްވާ އުޅަނދުތަކާއި އިމާރާތްތަކަށް ދީފައިވާ ގެއްލުންތަކަކީ ނަޝީދު އިސްވެ ހުންނަވައި ރާވައިގެން އެމަނިކުފާނުގެ އިރުޝާދާއެކު ހިންގާފައިވާ ހަމަނުޖެހުންތަކެއް ކަމަށް ތުހުމަތުކުރެވިގެން ކުރަމުން ގެންދާ ތަޙްޤީޤުގައި އެމަނިކުފާނާ ސުވާލުކުރުމަށްޓަކައި މިއަދު ހާޒިރުވާން ސިޓީއަކުން ދެންނެވި ނަމަވެސް އެ ގަޑި މެންދުރު ފަހު 2:00 އަށް ބަދަލުކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގަތުމުން އެގަޑިއަށް ތަހުގީގު ބަދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ނަޝީދު ޕޮލިހަށް ހާޒިރުކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައާގުޅޭ ގޮތުން އެމަނިކުފާނުގެ އަރިހުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކޮށް، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން ދިފާޢުވުމުގެ ފުރުސަތު ތަހުގީގު މަރުހަލާގައި ފޯރުކޮށްދިނުމާއެކު އެމަނިކުފާނުގެ ބަސް ލިޔުމުން ހޯދުމަށް ކަމަށެވެ.

"...އަދި އެމަނިކުފާނު މޯލްޑިވްސް ޕޮލިސް ސަވިސްއަށް ހާޒިރުވާ ވަގުތުން ފެށިގެން ތަޙްޤީޤު ކުރިއަށްދާ ވަގުތުވެސް ފުލުހުންގެ އަމަލުތައް މޮނިޓާކޮށް އެމަނިކުފާނުގެ ތަޙްޤީޤު ކުރިއަށްގެންދާ މަންޒަރު ފެންނާނެހެން އެކަން އޮބްޒާވް ކުރުމަށްޓަކައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އަށް މިސާވިސްގެ ފަރާތުން ވާނީ ދަޢުވަތު އަރުވާފައެވެ. އަދި މިމައްސަލާގައި ކަންހިނގާގޮތް އޮބްޒާވް ކުރުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން މިސަވިސްގެ ދަޢުވަތު ޤަބޫލުކޮށްފައިވާކަން ވެސް މިފުރުސަތުގައި ފާހަގަ ކުރަމެވެ،" ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދު ފުލުހަށް ހާޒިރުކުރަނީ ފުރާނަ ފުޅަށް ގެއްލުން ދޭންކަމަށް އެމްޑީޕީން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި ފުލުހުން ބުނެފައިވަނީ ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރަނީ އެއްވެސް ވަރަކަށް އެމަނިކުފާނުގެ ހަށިކޮޅަށް އަދި ފުރާނައަށް ގެއްލުމެއް ދޭން ނޫންކަމަށާއި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވުމުން ޤާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ އެންމަހާ ފިޔަޅުތައް އަޅައި، އެމަނިކުފާނު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވާ ވަގުތުން ފެށިގެން އެސަރަހައްދުގައި ސަލާމަތީގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދޭ ކަމަށެވެ.

ފުލުހުން ގެ ބަޔާނުގައި އަދި ބުނެފައިވަނީ ތަހުގީގަކަށް ހާޒިރުވުމަށް އެންގޭ އެއްވެސް ފަރާތަކުން ހާޒިރު ނުވެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ، އެމީހަކު ހާޒިރުކުރުމަށްޓަކައި ޤާނޫނީ އިމުގެތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވަނީ ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވި ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ނުގެންދެވޭނެ ކަމަށެވެ.

އެ ނިންމުމުގައި ބުނަނީ ފެބްރުއަރީ 8 ވަނަ ދުވަހު ފުލުހުން އެމަނިކުފަނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމަނިކުފާނުގެ މޫނަށް ފުލުހުން ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށާއި މިހާރު ފުލުސް އޮފީހަށް އެމަނިކުފާނު ގެންދަން އުޅެނީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭން ކަމަށް ވެސް ވަނީ ބުނެފަ އެވެ.