ޖީއެމްއާރުން ކޮންސެޝަންފީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާއިން އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ދެ ޑޮލަރު އުނިކުރުމުން ޖީއެމްއާރަށް ދައްކަންޖެހޭ 1.5 މިލިއަން ޑޮލަރު ދެއްކުމަށް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގައި އެދިފައި ނުވާނެކަމަށް ޖީއެމްއާރުން މިއަދު ބުނެފި އެވެ.

ފާއިތުވި ތިން މަސްދުވަހަށް ކޮންސެޝަންފީގެ ގޮތުގައި ޖީއެމްއާރުން ސަރުކާރަށް 5.6 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ. ނަމަވެސް އެ މުއްދަތުގައި އެއާޕޯޓުން ދަތުރު ކުރި ކޮންމެ މީހެއްގެ ބޮލަކަށް އޭޑީސީ އާއި އިންޝުއަރެންސްގެ ފައިސާޔާ އެކު 27 ޑޮލަރުގެ މަގުން ނަގާނަމަ އެ އަދަދު 7.1 މިލިއަން ޑޮލަރަށް އަރަ އެވެ. އެހެންކަމުން މިދިޔަ ތިން މަހު ސަރުކާރަށް އެއާޕޯޓުން އެއްވެސް އެއްޗެއް ނުލިބޭއިރު އިތުރަށް އަރައި 1.5 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ 1.5 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް އެ ފައިސާ އެމްއޭސީއެލްއިން ޖީއެމްއާރަށް ދައްކަން އަންގާފައި ނުވާނެ ކަމަށާއި އެއީ ހަމައެކަނި ފޮތުގައި ލިޔެފައިވާ އަދަދުތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ކަމަށެވެ.

"އަޅުގަނޑުމެން އެމްއޭސީއެލްއަށް އެންގީ މިގޮތަށް އެކަން ވެފައި އޮތް ވާހަކަ، އަޅުގަނޑުމެން އެއްވެސް އިރެއްގައި ނުބުނަން 1.5 މިލިއަން ޑޮލަރު ދައްކާށެކޭ، އަޅުގަނޑުމެން ބޭނުމީ ވާހަކަ ދައިކައިގެން މި މައްސަލަ އަވަހަށް ހައްލުކުރަން، އެއްވެސް ފަރާތަކަށް ގެއްލުންވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭޑީސީގެ މައްސަލަ ހައްލުކުރަން އޮތް ހައްލަކީ ޖީއެމްއާރުން މީގެ ކުރިން ހުށަހަޅާފައިވާގޮތަށް ދިވެހިންނަށް އޭޑީސީގައި ލުއިތަކެއް ހޯދައި ދިނުމަށް ފަހު އޭޑީސީ ނެގޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށާއި މިކަން ދިގުލައިގެން ދާނަމަ ސަރުކާރަށް ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ ދެ ކަމެއް ކުރިންވެސް ޕްރޮޕޯޒްކޮށްފައި، އެއީ ދިވެހިންގެ އަތުން އޭޑީސީ ނުނަގައި ޓޫރިސްޓުންގެ އަތުން ނަގައި ބައި ބޮޑުކުރުން، ނޫނީ ސާކުގައުމުތަކަށްދާ ދިވެހިންގެ އަތުން އޭޑީސީ ނުނަގާ ދެން ތިބި މީހުންގެ އަތުން އޭޑީސީ ނެގުން، މީގެން ކޮންމެވެސް ގޮތެއް ހަމަޖެއްސުން މުހިންމު، އެހެންނޫނީ މިކަމަކަށް ހައްލެއް ނޯންނާނެ،" އެންޑްރޫ ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ކޮންސެޝަންފީގެ ގޮތުގައި 8.7 މިލިއަން ޑޮލަރު ދައްކަން ޖެހުނު ނަމަވެސް ޖީއެމްއާރުން ދައްކާފައި ވަނީ 25،355.00 5 ޑޮލަރެވެ. ކޮންސެޝަންފީއިން އޭޑީސީ އުނިކުރުމަށް ކުރީގެ އެމްއޭސީއެލްގެ ބޯޑުން ނިންމި ނިންމުން އައު ބޯޑުން ބާތިލް ކުރުމަށް ފަހު އެއް ފަހަރަށްވުރެ ގިނަ ފަހަރު އެކަން ވަނީ އެ ކުންފުނިން ޖީއެމްއާރަށް އަންގައިފަ އެވެ.

ސިވިލް ކޯޓުގެ ހުކުމަކާއި ގުޅިގެން ޖީއެމްއާރުން އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ފައިސާ ނުނެގޭތީ އެ ފައިސާ އުނިކުރުމުގެ ހުއްދަ ދީފައިވަނީ އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ސޮއި ކުރައްވާ ފޮނުއްވި ސިޓީއަކުންނެވެ. އަދި އެ ހުއްދަ ދީފައިވަނީ ބޯޑުގެ ނިންމުމަކާއި ނުލާކަމަށް ވެސް އެނގިފައިވެ އެވެ. އެ ސިޓީ ބާތިލްކުރުމަށް އެމްއޭސީއެލްއިން މިހާރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށްވެސް ވައްދައިފަ އެވެ.