27 Jun 2025, 10:23
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ގެނެސްދޭ ލޯބީގެ ފިލްމު "އާޕް ޖޭސާ ކޮއީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ އެކްޓަރު އާރް މާދްވަން (މެޑީ) އަދި ބަތަލާ ފާތިމާ ސަނާ ޝައިހްއެވެ.
މި ފިލްމުގެ އާ ޕޯސްޓަރުތަކެއް މިދިޔަ ހަފްތާގެތެރޭ ރިލީޒްކޮށްފައިވާއިރު ފިލްމު އަންނަ މަހުގެ 11 ގައި ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ނެޓްފްލިކްސްއާ ގުޅިގެން ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ގެނެސްދޭ މި ފިލްމަކީ ދަރުމާއިން 2021ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމު "މީނާކްޝީ ސުންދޭޝްވަރު"ގެ ޑައިރެކްޓަރު ވިވެކް ސޯނީ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފިލްމެކެވެ.

ފިލްމު "އާޕް ޖޭސާ ކޮއީ"ގެ މަންޒަރެއްގައި ބަތަލާ ފާތިމާ ސަނާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މުޅިން ތަފާތު ގޮތަކަށް އުޅެ ބޮޑުވެ އާދަކާދައިގެ ގޮތުންވެސް ފަރަގުތަކެއް ހުރި ދެ މީހެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމާ އެކު ދެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
މި ފިލްމުގައި ކުރެވުނު ތަޖުރިބާއާ ގުޅޭގޮތުން އެކްޓަރު މާދްވަން ބުނެފައި ވަނީ މިއީ ކޮންމެ އުމުރެއްގައި ވެސް ލޯބި ހޯދިދާނެކަމުގެ އުއްމީދު އާކޮށްދޭނެ އެކަން ހަނދާންކޮށްލަދޭނެ ފިލްމެއް ކަމަށެވެ.
މިއީ ލޯބީގެ ހަލަބޮލި އަދި ޑްރާމާ ބޮޑު ދުނިޔެއަކަށް ބެލުންތެރިން ގެނެސްދޭނެ ފިލްމެއް ނޫން ކަމަށާއި ނަމަވެސް ވަރަށް ހަމަހިމޭން ދުނިޔެއެއްގައި ހަމަޖެހިލައިގެން ކެތްތެރިކަމާ އެކު ލޯބި ހާސިލްކުރެވިދާނެ ކަން މި ފިލްމުން ބެލުންތެރިންނަށް ހަނދާންކޮށްދޭނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.