02 Aug 2012, 10:30
ޤާހިރާ (އޮގަސްޓް 2) : މިސްރުގެ އައު ރައީސް މުޙައްމަދު މަރްސީގެ ސަރުކާރު، ވެރިކަމުގެ ޤާނޫނީ ހުވާ މިއަދުކުރާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.
މިސްރުގެ ކުރީގެ ވޯޓާ ރިސޯސަސް އެންޑް އިރިގޭޝަން މިނިސްޓަރު ހިޝާމް ޤިންދީލް ބޮޑުވަޒީރަކަށް ހުންނަވާ މިސަރުކާރުގެ ޚާރިޖީވަޒީރަކަށް ހުންނަވާނީ ކުރީގެވެސް ޚާރިޖީ ވަޒީރު މުހައްމަދު ކާމިލް ޢަމްރު އެވެ. މާލީ ވަޒީރަކީ މުމްތާޒް އައްސަޢީދެވެ. އިންޝުއަރެންސާބެހޭ ވަޒީރާއަކީ ނަޖްވާ ޚަލީލްއެވެ. ސައެންޓިފިކް ރީސާޗާބެހޭ ވަޒީރާއަކީ ނާދިޔާ ޒަޚާރީއެވެ. ދާޚިލީ ވަޒީރަކީ ކުރީގެ ޖެނެރަލެއް ކަމަށްވާ އަޙްމަދު ޖަމާލުއްދީންއެވެ. އިންވެސްޓްމަންޓްތަކާބެހޭ ވަޒީރަކީ އުސާމާ ސާލިޙް އެވެ. ލޯކަލް ޑިވެލޮޕްމެންޓާބެހޭ ވަޒީރަކީ ކުރީގެ ޖެނެރަލެއް ކަމަށްވާ އަޙްމަދު ޒަކީ ޢާބިދީން އެވެ. ޓޫރިޒަމާބެހޭ ވަޒީރަކީ ހިޝާމް ޒަޢްޒޫޢެވެ. ހައުސިންއާބެހޭ ވަޒީރަކީ ތާރިޤް ރަފީޤެވެ. ހަޔާ އެޑިޔްކޭޝަނާބެހޭ ވަޒީރަކީ މުސްތަފާ ސަޢްދެވެ. އެންވަޔަރަންމަންޓާބެހޭ ވަޒީރަކީ މުހައްމަދު ބަހާއުއްދީންއެވެ. ޓްރާންސްޕޯޓާބެހޭ ވަޒީރަކީ މުޙައްމަދު ރަޝާދެވެ. އިސްލާމީކަންތައްތަކާބެހޭ ވަޒީރަކަށް ހަމަޖައްސަވާފައިވާ ކަމަށް ޚަބަރު ލިބިފައިވަނީ އަލްއަޒްހަރު ޔުނިވަރސިޓީގެ ޗާންސެލާ އުސާމާ މުޙައްމަދެވެ. ޑިފެންސް އެންޑް ސިވިލްއޭވިއޭޝަނާބެހޭ ވަޒީރުކަމަށް އަދި ބޭފުޅަކު އިޚްތިޔާރު ނުކުރާ ކަމަށް ޚަބަރު ލިބެއެވެ.
މިހުރިހާ ބޭފުޅުންނަކީވެސް މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވުމުގެ އިތުރުން ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭޅުންނެވެ. ގިނަ ބޭފުޅުންނަކީ ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް ޚަބަރުލިބެއެވެ. މިސްރުގެ ރައީސް މުޙައްމަދު މަރްސީއަކީ އެޤައުމުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއްނަމަވެސް އޭނާވަނީ ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު އެންމެންގެ ރައީސަކަށް ވުމަށްޓަކައި އިޚްވާނުލްމުސްލިމީން ގެ ސިޔާސީ ޕާޓީކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެންފައެވެ.
މަރްސީގެ ސަރުކާރުގެ ކެބިނެޓްގައި އިޚްވާނުލްމުސްލިމީން ޖަމާޢަތަށް ނިސްބަތްވާ ވަޒީރުން ގިނަނަމަވެސް ވަކިޕާޓީއަކަށް ނިސްބަތްނުވާ ބޭފުޅުންނާއި އެހެންޕާޓީތަކަށް ނިސްބަތްވާ ތަޖްރިބާކާރު ބޭފުޅުންނާ އަދި ކުރީގެ ބައެއް ވަޒީރުންވެސް ހިމެނެއެވެ. މިސްރުގެ އައު ސަރުކާރުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލްއާއި އޭނާގެ ކެބިނެޓްގެ ވަޒީރުން ހުވާކުރައްވާނީ ޑރ. މަރްސީގެ ކުރިފުޅުމަތީގައި މިއަދުގެ ވަގުތެއްގައެވެ. މީގެއިތުރުން މަރްސީގެ ރިޔާސީ ޓީމްގެ ގޮތުގައި އޭނާ އިޚްތިޔާރު ކުރައްވާފައިވާ ބޭފުޅުންގެ ނަންތައްވެސް މިއަދު އިޢްލާންކުރުމަށް ހަމަޖެހިފައިވެއެވެ. -- އަލްޖަޒީރާ