02 Aug 2012, 10:23
މަޝްވަރާގެ މަގުން ކަންކަން ހައްލު ކުރެވޭތޯ މަސައްކަތްކުރެއްވިއްޖެ ކަމަށާއި ދެން ރައްޔިތުން މަޖިލީހުގައި އޮންނާނީ ހަނގުރާމަ ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވިދާޅުވީ ވޭތުވި ފަސް މަސްދުވަސް ހޭދަކުރީ މަޝްވަރާ ކޮށްގެން ކަންކަން ހައްލުކުރެވޭތޯ ކަމަށާއި މަޖިލީހުގައި ހަނގާރަމައެއް ކުރަން އެމްޑީޕީން ނިންމީ މަޝްވަރާއިން ނަތީޖާއެއް ނުނިކުތުމުން ކަމަށެވެ.
އަދި ވިދާޅުވީ މިހާތަނަށް ވެސް މަޖިލީހުގައި ހަނގުރާމަ ނުކޮށް ތިބީ "ރައްޔިތުންގެ ގައިގައި އަތްލަންދެން "ކަމަށާއި އެމްޑީޕީން ދެމުންދިޔަ ހިދުމަތްތައް ހުއްޓާލަން ނިންމުން އެމްޑީޕީ މަޑުން ނުތިބޭނެ ކަމަށެވެ.
"ދެން އެމްޑީޕީއެއް މަޑަކުން ނޯންނާނެ. އަޅުގަނޑުމެން ދީނުގައިވެސް އޮންނަނީ މަޝްވަރާގެ އުސޫލު. މަޝްވަރާ ކުރުމަށް ފަސް މަސް ބަލަން ތިބެފިން. ދެން އޮންނާނީ މަޖިލީގައި ހަނގުރާމަ. އަޅުގަނޑުމެން މަޑުން ތިބީ އަޅުގަނޑުމެންނަށް ހަރުކަށިވާން ނޭނގޭތީއެއް ނޫން. އަޅުގަނޑުމެން މަޑުން ތިބީ މަޖިލީހުގައި ދެ ފަރާތުން ހަނގުރާމަ ކުރަން ފެށީމަ ރައްޔިތުނަށް ގެއްލުން ވާނެތީ،" އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަން ބަދަލުވުމަށް ފަހު ވެރިކަން ކުރަމުން އަންނަ ޕާޓީތަކަށް މެޖޯރިޓީ ލިބި މަޖިލީހުން އުފެއްދުންތެރި ގާނޫނެއް އުފެދިފައި ނުވާއިރު ހެޔޮ ބަދަލެއްވެސް ގެނެސްފައިނުވާ ކަމާށާއި އެހެން ކަމުން އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު މިއަދާ ހަމައަށް ވެސް މަޖިލީސް އޮތީ ނުހިނގާ ކަމަށް އެނާ ވިދާޅުވި އެވެ.
އަދި ރައްޔިތުން މަޖިލީސް ހުއްޓުވާލައިގެން ކިތަންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރިނަމަވެސް މަޖިލީސް ހުއްޓުވާލާން އެމްޑީޕީން ފަސްނުޖެހޭނެ ކަމަށްވެސް އެނާ ވިދާޅުވި އެވެ.
އަދި ވެރިކަން ބަދަލު ކުރުގައި "ބަޣާވާތުގެ" އެންމެ އަޑީގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށާއި ފުލުހުންގެ ފަރާތުން ރައްޔިތުނަށް ލިބިފައިވާ އަނިޔާތަކުގެ މައްސަލަ ނުބެލި އޮތުމުގެ ޒިންމާ ޝާހިދު ނަގަން ޖެހޭނެ ކަމަށްވެސް އެނާ ވިދާޅުވި އެވެ.
"ދައުލަތުގެ ނިޝާނާއި ސިއްކަ ރަނގަޅަށް ޓައިޕް ނުކޮށް އަތުން ލިޔެފައި އޮތް ސިޓީ ބަލައިގަނެ، އެ ފޮނުވި މީހާގާތު އެ ފޮނުވިންތޯ ބަލާ ނުލީމާ ބަޣާވާތުގެ އެންމެ އަޑީގައި ހުރި މީހަކީ އަބްދުﷲ ޝާހިދު" ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ މަޖިލީހުން ބަލައިގަތް ގޮތައް އިޝާރާތް ކުރައްވާ އެނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ފާޑު ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ އިންކްއަރީ ކޮމިޝަން ގަބޫލު ނުކުރައްވާއިރު އެ ކޮމިޝަނަށް މައުމޫނު މައުލޫމާތު ދެއްވީތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
"އެކޮމިޝަނަށް ވަޑައިގަތުމަށް ފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވަނީ އެ ކޮމިޝަނުން ނިންމާ ނިންމުމެއް ގަބޫލެއް ނުކުރާނަމޭ. ދެން ކީއްކުރަންތޯ އެތަނަށް ދިޔައީ، ހައިރާންވޭ، ހައިރާންވޭ، އަންތަރީސްވޭ،" އެނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ އިންކްއަރީ ކޮމިޝަނުން ނެރޭ ރިޕޯޓަށްފަހު ފުލުހުންގެ ތެރޭގައި ތިބި "ބަޣާވާތްކުރި" މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ތަކުރާރުކޮށް އަލީ ވަހީދު ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގައި އޮންނާނީ ހަނގުރާމަ ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި ނަމަވެސް މުއްދަތެއްނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓާލައިފައިވާތީ އެކަން ހައްލުކުރަން މަޝްވަރާގެ މޭޒުދޮށަށް ދިއުމަށް ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.