02 Aug 2012, 10:13
ހިލޭ ބޭސްފަރުވާ ކުރެވޭނެ އާސަންދާ ނިޒާމު ހިންގުމަށް ބަޖެޓް ނެތިގެން އުޅެނީ މި ސަރުކާރުން އެ ފައިސާ "ބަޣާވާތައް ހަރަދުކުރުމުން" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އާސަންދަ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ނެތިގެން އުޅެނީ ވެރިކަން ބަދަލު ކުރުމަށް "ހިންގި ބަޣާވާތުގެ" ސަބަބުން ލިބުނު ގެއްލުންތަކަށް ހޭދަ ކުރަންޖެހުމާއި "ބަޣާވާތުގެ ބައިވެރިނަށް" ހަރަދު ކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ.
އަދި ވިދާޅުވީ އާސަންދައަށް ކަނޑައެޅި 720 މިލިއަން ރުފިޔާ "ބަޣާވާތައް ފަހު" އެ ބަޣާތައް ހަރަދުކޮށްފައިވާނެ ލަފާކުރެއްވޭ ކަމުގަ އެވެ.
އެގޮތުން ވެރިކަން ބަދަލުކުރި ދުވަހު ފުލުހުންގެ އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކަށް ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއީ އެ ދުވަހު ތެޅި ބިއްލޫރިތަކާއި ކުޑަ ދޮރުތަކުން އުކި ކޮމްޕިއުޓަރާއި އެހެން އޮފިސަރުންގެ ގައިގައި ތެޅި ގޮނޑިއާއި، ބަޣާވާތުން އެބަ ހަރަދުކުރެވޭ ބަރާބަރު 50 މިލިއަން ރުފިޔާ. އެދުވަހު ޖެހި ޓިޔަގޭހާއި އެދުވަހު ކުރި ހަރަދާއި އަދި ބަޣާވާތާއި ގުޅިގެން އަނދާ ދިޔަ އެތަން ތަނަކާއި އެކު ބަޣާވާތުގެ ސަބަބުން އުމުރާނީ ގެއްލުމުގެ ބިލް 300 މިލިއަން ރުފިޔާއަށް އަރާ އެބަދޭ،. އަދި ޖެހިގެން އައިދުވަހު އަނެއް 300 މިލިއަން ރުފިޔާ ހަރަދުވީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރި އެތައް ބަޔަކަށް ދައުލަތުގެ ބަޖެޓުން ހޭދަ ކޮށްފައިވާއިރު އެ ފައިސާ އަކީ އެކަމަށް ކަނޑައަޅާފައިވާ ފައިސާނޫން ކަމަށެވެ.
އެގޮތުން އާ ދެ މިނިސްޓްރީއެއް ވެރިކަން ބަދަލުވުމަށް ފަހު އުފައްދަވާ ފައިވާކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ދައުލަތައް ވަންނަން ހުރި އެތައް ފައިސާއެއް "ބަޣާވާތް" ކުރި މީހުން ރުއްސުމަށް ދައުލަތައް ނުހޯދާ ދޫކޮށްލާފައިވާ ކަމަށެވެ.
"ސިފައިނާއި ފުލުހުން އިތުރުކޮށްފި. މިކަމަށް 228 މިލިއަން ރުފިޔާ ހަރަދުވެއްޖެ. ފުލުހުނަށް ޕޮރިމޯޝަން ދީފި. ސިފައިންނަށް ޕްރޮމޯޝަން ދީފި. މި ވާހަކައެއް ބަޖެޓްގައި ނެތް. މިކަމަށް 63 މިލިއަން އިތުރަށް ހަރަދުވެއްޖެ. ދެ މިނިސްޓްރީ އިތުރަށް ހަދައިފި. މި ވާހަކަވެސް ބަޖެޓްގައި ނެތް. މިކަމަށްވެސް އަނެއްކާވެސް މިކަމަށް 22 މިލިއަން ރުފިޔާ ކާރާއި ގޮނޑިމޭޒަށާއި އެއްކޮން ހަރަދުވެގެން ހިނގައްޖެ،" ނަޝީދު ވިދާޅުވި އެވެ.
އަދި މިހާރު ރައީސް ރަށްރަށަށް ކުރައްވާ ދަތުރުތަކަށް ކުރައްވަންޖެހޭ ހަރަދުތައް އިތުރުކުރަން ޖެހޭ ކަމަށާއި އެތައް ބައިވަރު ފުލުހުންނާއި ސިފައިން ގޮވައިގެން ނޫނީ ރަށަކަށް އަރާވަޑައިނުގެންނެވޭތީ އެއީވެސް ކުރައްވަން ޖެހިފައިވާ ބޮޑު ހަރަދެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސިވިލް ސާވީސްގެ މުވައްޒަފުންގެ މުސާރައިން އުނިކުރިބައި އަލުން ދޭން ނިންމުމާއި އެހެން ހަރަދުތައް ބަޖެޓްގައި ކަނޑައަޅާފައިވާ ގޮތްތަކާއި ހިލާފަށް ކުރައްވަމުން ގެންދިއުމަކީ އާސަންދަ ހިންގުމަށް ފައިސާ ނެތުމުގެ ސަބަބު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ
"އިގްތިސާދީ ހަމަޖެހުމަށް 2010 އަހަރު އުނކުރި ސިވިލް ސާރވީސްގެ މުވައްޒަފުންގެ އުނިކުރި މުސާރަ ދިނުމަށް 28 މިލިއަން ރުފިޔާ ދޭނެ ކަމަށް އެބަ ވިދާޅުވޭ. ދެން އާސަންދައަށް ހުންނާނީ ކޮން ފައިސާއެއް ތޯ،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް އިގްތިސާދާ ގުޅުންހުރި ބައެއް ބިލްތަކަށް މި ސަރުކާރުން ތައީދުކޮށްފައިނުވާތީ އެކަމަށް އިޝާރާތްކުރައްވާ މި ސަރުކާރުގެ ހިންގުމާއިމެދު އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރުނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ވަނީ ބައިވެރިވެފަ އެވެ.