26 Jun 2025, 19:36
އެމްޑީޕީގެ 20ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މުޅި އެމްޑީޕީ އެކުވެ، "އެކުގައި ގަދަކޮށް ފުޓްސަލް ޓޯނަމަންޓް"ގެ ނަމުގައި ފޯރިގަދަ ފުޓްސަލް މުބާރާތެއް ކުޅެފިއެވެ.
މި މުބާރާތް ކުރިއަށްގެންދިޔައީ މިއަދު މެންދުރު 01:00އިން ފެށިގެން އިރުއޮއްސި 06:00އާ ހަމައަށް ލެގޫންސް ދަނޑުގައެވެ.
މުބާރާތުގައި ނުވަ ޓީމެއް ވާދަކުރި އިރު، މުޅި ޖުމުލަ 150އަށް ވުރެ ގިނަ ޕާޓީ މެމްބަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޕާޓިގެ ކުރީގެ ރައީސުން އަދި ކުރީގެ ޗެއާޕާސަނުން ހިމެނިވަޑައިގަންނަވައެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ޓީމެއްގެ މެނޭޖަރުކަން ކުރައްވާފައެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުނު ފުޓްސަލް މުބާރާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
މިި މުބާރާތް ކާމިޔާބު ކުރީ، ސަމުގާ ޓީމެވެ. މި ޓީމަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު ފާހަގަކުރެވެއެވެ.
މުބާރާތުގެ ގަވާއިދުގައި ވާގޮތުން ކޮންމެ ޓީމެއްގައި އެއް އަންހެން ކުޅުންތެރިއަކު ހިމަނަން ޖެހެއެވެ. މި މުބާރާތުގައި، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިސްކޮށް ހުންނަވައިގެން ވަނީ، "ކައްޓި ހިތްވަރު"ގެ ނަމުގައި ހުސް އަންހެންނުންގެ ޓީމެއް ނެރެފައެވެ. މި ޓީމު ވަނީ މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވިފައެވެ.

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުނު ފުޓްސަލް މުބާރާތުގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ
މި މުބާރާތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވަނީ އެސަރަހައްދަށް ޒިޔާރާތްކުރައްވައިފައެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް"އެވެ. މި ދުވަސް ފާހަގަކުރުމަށް މުޅި އަހަރަށް ބަހައިލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މިއަދު ހެނދުނު ވަނީ ދިދަ ނެގުމާއި ކޭކު ފެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.