ބްރެޒިލްގެ މަޝްހޫރު ވާތުބެކް ރޮބާޓޯ ކާލޮސް އުމުރުން 39 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ރަޝިޔާގެ އަންޒީ އަށް ކުޅެމުން އައި ކުޅުންތެރިޔާ ކުރިން ކުޅުން ހުއްޓާލަން އޮތީ މިއަހަރުގެ ސީޒަން ނިމުންނެވެ. އޭނާ ކުޅުން ހުއްޓާލުމުން އަންޒީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ދެން ހުންނާނީ ކާލޮސް އެވެ. މިކަމަށްޓަކައި އޭނާ މިހާރު ވަނީ ކޯޗިން ލައިސަންސް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ރޮބާޓޯ ކާލޮސް އޭނާގެ ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ ސްޕޭނުގެ ރެއާލް މެޑްރިޑުގަ އެވެ. އެ ކުލަބަށް 11 އަހަރު ކުޅެދިންއިރު އޭނާ ވަނީ ހަތަރު ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ސްޕެނިޝް ސުޕާކަޕާއި ޗެމްޕިއަންްސް ލީގު ކާމިޔާބުކޮށްފަ އެވެ. މިހެންވެ ކުޅުން ހުއްޓާލުން ފާހަގަ ކުރުމަށް ކާލޮސް ވަނީ ރެއާލް މެޑްރިޑާއި އަންޒީގެ މެޗެއް ކުޅުމަށް ހުށަހަޅައިފަ އެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ބްރެޒިލް ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކާލޮސް ވަނީ ބްރެޒިލްގެ ޕަލްމެއިރާސް އާއި ކޮރިންތިއަންސް އަދި އިޓަލީގެ އިންޓަމިލާނަށް ވެސް ކުޅެފަ އެވެ.