16:15


ރީބްރޭންޑްކޮށްފައިވާ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް އެ މުވައްޒަފުންގެ މައްޗަށް ޣައިރު ގާނޫނީ ގޮތުގައި ވެރިވެގެންފައިވާ އެމްއެންބީސީއިން މަސައްކަތް ފަށާފައިވާ ކަމަށް ގާނޫނުގެ ދަށުން އުފެދިފައިވާ އެމްބީސީން ބުނެފި އެވެ.


އެމްބީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަޑާއީ ޓީވީއެމްގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ކަނޑައިލުމުގެ މަސައްކަތް އެމްއެންބީސީން ކުރަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި އެކަން އެބަ ހިނގާ ކަމަށެވެ.  


ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުގެ ދުވަސްވީ މުވައްޒަފުންގެ މައްޗަށް ޣައިރު ގާނޫނީ ގޮތުގައި ވެރިވެގަނެގެން އުޅޭ އެމްއެންބީސީން އެ މުވައްޒަފުންތައް ވަކިކުރަން ނިންމާ އެ މަސައްކަތް ފަށާފައިވާ ވަނީ އެމްއެންބީސީގެ ވެރިން އަންގާހާ ގޮތަކަށް މަސައްކަތް ނުކުރާނެ މުވައްޒަފުން ކަމަށްވާތީ އެމީހުން ކަނޑައިލުމަށް ފަހު އެންގިހާ ގޮތަކަށް މަސައްކަތްކުރާނެ ބަޔަކު ވެއްދުމުގެ ބޭނުމުގައި ކަމަށް ވެސް ނޫސް ބަޔާނުގައިވެ އެވެ.


މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ގާއިމު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) ން ކަށަވަރުކޮށްދޭ ގޮތުން ނަމަ އަޑާއި ޓީވީގައި 30 ނޮވެމްބަރު 2008 ގެ ނިޔަލަށް ތިބި މުވައްޒަފުންނާއި އޭގެ ފަހުން ދެ ތަނަށް ވައްދާފައިވާ މުވައްޒަފުންނަކީ ވެސް ގާނޫނުގެ ދަށުން އުފެދިފައިވާ އެމްބީސީގެ ބަލަދުވެރިކަމުގެ ދަށުގައިވާ މުވައްޒަފުންނެވެ.  


އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލު މިއަދު ވިދާޅުވީ އެ ކުންފުނި އުފެދުނީއްސުރެ މީހުން މަދު ކުރުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށާއި ކުންފުނި އުފެދުނު އިރު ތިބި 521 މީހުންގެ ތެރެއިން 40 ވަރަކަށް މީހުން މިހާރު ވެސް ވަޒީފާ އިން ވަކިކޮށް، 480 މީހުންނަށް މަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓީވީ އާއި ރޭޑިއޯ ހިންގުމަށް އެހާ ގިނަ މީހުން ބޭނުން ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް މުވައްޒަފުން މަދު ކުރައްވާނެ ކަމަށެވެ.