01 Aug 2012, 21:38
އަންކަރާ (އޮގަސްޓް 1) : ސޫރިޔާގައި އިންތިޤާލީ ސަރުކާރެއް އެކުލަވާލިކަން އެޤައުމުގެ އިދިކޮޅު ފަރާތްތަކުން އިޢްލާން ކުރުމުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރު ކާނަލް ރިޔާޒުލްއަސްޢަދް އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި އެވެ.
ތުރުކީގައި ވާހަކަ ދައްކަވަމުން ކާނަލް އަސްޢަދު ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަކީ ވެރިކަމަށް ދަހިވެތިވެފައިތިއްބެވި ބައެއްކަން މިޢަމަލުން ދޭހަވާކަމަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފުރްސަތު ބަލާފައި އިންތިޤާލީ ސަރުކާރެއް އެކުލަވާލީ އިދިކޮޅު ހަނގުރާމަވެރިން ބައްޝާރުގެ ސިފައިންނާ ދެކޮޅަށް ބިންމަތީގައި ހޯދި ކާމިޔާބީތަކުން ނާޖާއިޒް ފައިދާ ނަގައިގެން ކަމުގައެވެ. ސޫރިޔާގައި އިންތިޤާލީ ސަރުކާރު އެކުލަވާލިކަން އިޢްލާންކުރި އިދިކޮޅު ސިޔާސީ ފަރާތްތައް ޤައުމުން ބޭރުގައި އުޅޭއިރު ޤައުމުން ބޭރުގައި އިންތިޤާލީ ސަރުކާރެއް ހިންގުމުގެ ފައިދާއަކީ ކޮބައިތޯ ކާނަލް އަސްޢަދް ސުވާލުކުރެއްވިއެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ސޫރިޔާގެ އިންތިޤާލީ ސަރުކާރު އެކުލަވާލި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ޙަޤީޤަތުގައި މަސައްކަތް އެކުރެއްވެނީ ވެއްޓެމުންދާ ބައްޝާރުގެ ނިޒާމް ދެމެހައްޓުމަށް ކަމަށްވެސް ކާނަލް އަސްޢަދު ތުހުމަތު ކުރެއްވިއެވެ.
ބައްޝާރުގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަކީ ވަރަށް ވާދަވެރި އަދި ސިޔާސީ ފިކުރުގެ ގޮތުން ބައިބައިވެފައިވާ ޖަމާއަތްތަކެކެވެ. އަދި ބައްޝާރުގެ ޚުދުމުޚްތާރު ނިޒާމާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން އުތުރިއަރަމުންދާ ދިޔުމަކީ ސޫރިޔާގެ ސުންނީންނާއި ޝިޔަޢީންގެ އަރާރުމެއް ކަމަށް ހެދުމަށް އެމެރިކާފަދަ ހުޅަނގުގެ ބާރުތަކާ ގުޅިފައިވާ ސޫރިޔާގެ ތާއިފީ ޖަމާއަތްތަކުން މަސައްކަތް ކުރާއިރު ބައްޝާރަކީ އޭނާގެ ވެރިކަމާ ދެކޮޅަށް ނުކުންނަ ކޮންމެ ފަރާތަކާ ދެކޮޅަށް އަނިޔާވެރިކަން ބޭނުންކުރައްވާ ބޭފުޅެއް ކަމަށާ ބައްޝާރާ ދެކޮޅަށް މީހަކު ނުކުތުމުން އެއީ ސުންނީއެއްކަން ނުވަތަ ޝިޔަޢީއެއްކަން އޭނާގެ ނިޒާމުން ނުބަލާ ކަމަށް ސޫރިޔާގެ އިދިކޮޅު ގިނަ ލީޑަރުން ވިދާޅުވެއެވެ.
އެމެރިކާއިން ޢިރާޤުގައި ސުންނީ ޝިޔަޢީންގެ އަރާރުމެއް އުފައްދައި ޢިރާޤު ހަލާކުކުރިގޮތަށް ސޫރިޔާގައިވެސް އެމެރިކާއިން މިކުޅިގަނޑު ކުޅެން ރާވަމުންދަނީ ސުންނީ ޝިޔަޢީންގެ އަރާރުންތަކުގައި ސޫރިޔާގެ މުސްލިމުންގެ ހަކަތަ ދުއްވާލުމުގެ ބޭނުމުގައި ކަމަށް ސޫރިޔާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ބުރްހާން ޣަލްޔޫން ވިދާޅުވެފައިވެއެވެ. ޤާހިރާގައި އިއްޔެ ސޫރިޔާގެ އިދިކޮޅު ސިޔާސީ ލީޑަރުން އިންތިޤާލީ ސަރުކާރެއް އިޢްލާންކުރެއްވީ ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކާ މަޝްވަރާކުރުމެއްނެތި ކަމަށް ޚަބަރުލިބެއެވެ.
ސޫރިޔާގެ އިދިކޮޅު ސިޔާސީ ލީޑަރުން އިންތިޤާލީ ސަރުކާރެއް އެކުލަވާލެއްވީ މިކަން ކުރުމަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަންސް ފެބިއޮސް އާއި ހުޅަނގުގެ އެހެން ބައެއް ލީޑަރުން ގޮވާލައްވާފައިވަނިކޮށެވެ. -- ނޫސްއެޖެންސީތައް