01 Aug 2012, 21:33
މުއްދަތެއްނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓާލައިފައިވާތީ އެކަން ހައްލުކުރަން މަޝްވަރާގެ މޭޒުދޮށަށް ދިއުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން ޕަލަމެންޓްރީ ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގެ ބުނަނީ ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދިއުމަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެއްބާރުލުން ދޭނީ ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ވަހީދާއި ރައްޔިތުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިނާއެކު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށްފަހުގައި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އެއްބާރު ލުމާއި އެހީތެރިކަން ދެވޭނީ، ރާއްޖޭގެ ކަންކަން ހައްލުކުރުމަށްޓަކައި [ރައީސް] ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މަޝްވަރާގެ މޭޒުދޮށަށް އައިސް ޤައުމުގެ މިއަދުގެ ހާލަތާމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ފަހުގައި،" އެޕާޓީގައި ބަޔާނުގައިވެ އެވެ.
އެމްޑީޕީން މަޝްވަރާކުރުމަށް ގޮވާލާފައިވާއިރު މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށަން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީގެ އިބްރާހިމް މުހަންމަދު ސޯލިހާއި މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ އަބްދުﷲ ޔާމީނާއެކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އިއްޔެއިން ފެށިގެން ވަކި މުދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތަށް ހުއްޓާލީ ޖަލްސާތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަމާން މާޙައުލެއް ކަށަވަރު ކުރެވެން ނެތުމާއި، ފަހަކަށްއައިސް މަޖިލީހުގެ ޖަލްސާތައް ނިޒާމް ގެއްލިގެން ތަކުރާރުކޮށް ހުއްޓާލަން ޖެހޭތީ އެވެ. ޖަލްސާތަކަށް އެންމެ ގިނައިން ހުރަސް އަޅާ އެމްޑޫޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވެފައިވަނީ އާސަންދައިން ރައްޔިތުންގެ އަތުން ޗާޖް ކުރާނަމަ މަޖިލިސް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށެވެ.