ސަރުކާރުގެ ޒަމާންވީ މަސްކުންފުނި، މިފްކޯގެ ދަށުން ހިންގަމުން އައި ކޫއްޑޫ ހިންގުމަށް "ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް" ކުރީގެ ސަރުކާރުން އުފެއްދީ 2010 ގެ ޖޫން 17 ވަނަ ދުވަހު އެވެ. ސަބަބަކަށް ވީ މިފްކޯއަށް ކޫއްޑޫ ނުބެލެހެއްޓި މިސްމެނޭޖް ވެފައި އޮތުމެވެ. ކޫއްޑޫގެ ފެށުމަށް ދާއިރު ކުންފުނި ފަށައިގަތީ ފިނޭންސް މިނިސްޓްރީގެ 10 މިލިއަން ރުފިޔާ އާއި ކޫއްޑޫއާ އަދި އެރަށުގެ ރައުސްމާލުގެ ގޮތުގައި އޮތް 10 ބޯޓާ އެކު އެވެ. ކޫއްޑޫގެ އުމުރުން ތިން އަހަރު ވީއިރު އުމުރުން މާ ދޮށީ ކުންފުނިތަކާ ވާދަކޮށް ކޫއްޑޫ ކުރިއެރުންތަކެއް ހޯދައިފި އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު މުއްތޮލިބުގެ ނަޒަރުގައި ކޫއްޑޫއަކީ ސަރުކާރަށް އެންމެ ބޮޑު ނަފާއެއް ހޯދައިދޭ އެއް ކުންފުންޏެވެ.

"މިފްކޯ ތަންތަން އެހެރީ ހުރި ގޮތަށް، އެ އުޅެނީ ދަރަނިތައް ވެސް ހަލާސް ނުކުރެވިގެން، ސަރުކާރަށް އެއްޗެއް ނުދެވޭ، އެކަމަކު އަޅުގަނޑުމެންގެ އެޗީވްމަންޓް ބައްލަވަ، އަޅުގަނޑުމެން 2010 ގެ ޑިވިޑެންޑުގެ ގޮތުގައި ވެސް 10 މިލިއަން ރުފިޔާ ދައްކައިފިން، އަނެއްކާ ބައްލަވަ، މިފްކޯއިން ބޭރުގެ ބައެއްގެ އަތުން ނަގާފައި އޮތް ލޯނެއް ދައްކަން އަޅުގަނޑުމެން 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ދައްކައިފިން، އެ ކުންފުނިން [މިފްކޯއިން] ނަގާފައި އޮތް އޯވަޑްރާފްޓަކަށް 8.6 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް ދައްކައިފިން، އަނެއްކާ އަޅުގަނޑުމެންނަކީ ގިނަ ކުންފުނިތަކަށް ސަޕޯޓް ދޭ އެއް ކުންފުނި،" މުއްތޮލިބު ވިދާޅުވި އެވެ.

ކޫއްޑޫއިން އަންނަނީ އެމްޑަބްލިޔުއެސްސީ އާއި އެސްޓީއޯ، ސްޓެލްކޯ އަދި އާސަންދަ ފަދަ ބިޔަ ކުންފުނިތަކަށް ކޮންމެ މަހަކު އެތައް ހާސް ޑޮލަރެއް ވިއްކަމުންނެވެ. "އަޅުގަނޑުމެން މިވެސް ވިއްކަނީ ބޭންކް ރޭޓުގައި، އެއީ އެ ކުންފުނި ތަކަށް ސަޕޯޓު ދިނުމުގެ މަގުޞަދުގައި ކުރާ ކަމަކަށް ވާތީ،" މުއްތޮލިބު ވިދާޅުވި އެވެ.

ކޫއްޑޫއަކީ ސަރުކާރުގެ ބޮޑެތި އިންވެސްޓްމަންޓްތަކުގެ މައި ނާރަށް ވެފައިވާއިރު އެ ކުންފުނީގެ އެޗީވްމަންޓްގެ އަނެއް ފަރާތުގެ ވާހަކަ އޮތީ ނުދައްކާ ވާހަކަ އެއްގެ ގޮތުގަ އެވެ. މުއްތޮލިބުގެ ނަޒަރުގައި ކޫއްޑޫއަށް އުސްމިންތަކަށް ވާސިލްވުމުގެ އަސްލަކީ އެ ކުންފުނިން އެކަނި ކޫއްޑޫ މެނޭޖް ކުރުމެވެ. ކުޑަ އޮޕަރޭޝަނެއްގެ ގޮތުގައި ކޫއްޑޫ އޮތުމެވެ. ނަމަވެސް މިފްކޯ އާއި ކޫއްޑޫ އެއްކޮށްލައިފިނަމަ ސަރުކާރަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. އެއްކޮލުމުގެ ސިޔާސަތާ އޭނާ ދެކޮޅެވެ. އެއީ މީގެ ކުރީގެ ހިތި ތަޖުރިބާ މަސްވެރިކަމުގެ އިންޑަސްޓްރީން އޭނާއަށް ފެންނަން ބޭނުން ނުވުމެވެ. ދޮށި އެއްލައިލައި ރިސޯޓުތަކުގެ ވަޒީފާއަށް އެންމެން ދާތަން ދެކެން ބޭނުން ނުވުމެވެ.

"މީގެ ކުރިން މިއީ ބަޔަކަށް އޮޅިގެން ނަމަވެސް ކުރެވިފަ އޮތް ރަނގަޅު ކަމެއް، މި ކުންފުނިތައް ވަކިކޮށްލުން، ކުރިން ވާގޮތަކީ، މިފްކޯއިން ހުރިހާ ކަމެއް މެނޭޖް ކުރަނީ، ކަނޑުއޮތްގިރި، ފެލިވަރު، މިހެން ގޮސް ހުރިހާ ތަނެއް، މިވީ ގޮތަކީ އޮޕަރޭޝަން ބޮޑުވީ ބޮޑުވެގެން މެނޭޖްނުވީ، އެކަމަކު މި ކުޑަ ކުންފުނިތައް ވަކި ހާއްސަ ސެކްޓަރުތަކަކަށް ހުރީމަ އެބަ ފައިދާވޭ، ކުރިން މިފްކޯއިން އަހަރެއް ނޫނީ ކުއާޓާއެއް ނިންމާލާއިރު ސަރުކާރަށް އެއްޗެއް ނުލިބޭ، އެކަމަކު މިހާރު އެހެންތޯ، އަނެއްކާ މިފްކޯ ދަރަނީގައި އޮއްވާ އެ ކުންފުނީގެ ދަށަށް މި ހުރިހާ އެސެޓްތަކެއް ގެންގޮސްގެން ސަރުކާރަށް މިހާރު މިވާ ފައިދާ ކިހިނެއްތޯ ހޯދާނީ،" މުއްތޮލިބު ވިދާޅުވި އެވެ.

ކޫއްޑޫ ވެފައިވަނީ ދެކުނުގެ މަސްވެރިން ބާނާ މަސްގަނެ ފިނިކުރުމަށް ފަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ އެންމެ ބޮޑު ކުންފުންޏަށެވެ. ކޫއްޑޫގައި މަސްގަތުމާއި ފިނިކުރުން އަދި އެކްސްޕޯޓު ކޮލިޓީގެ ވަޅޯމަސް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ އެއަތޮޅުގެ ރައްޔިތުންގެ ވަޒީފާގެ މައި މަރުކަޒެވެ. އެ ރަށުގައި މިހާރު އިތުރުކަމެއް ފައްކާ ވަމުން އަންނަ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. ކޫއްޑޫ ބޮޓްލިން ވޯޓާ އުފެއްދުމުގެ އިންވެސްޓްމަންޓަކަށް އެ ކުންފުނިން އަންނަނީ އިންވެސްޓް ކުރަމުންނެވެ. އެއީ އިތުރު 50 ހަކަށް ވަޒީފާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެޝިނަރީތަކާއި އެއްޗިހި އެބަ އާދޭ، އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މަހެއްހާ ދުވަސްތެރޭގައި އެކަން ފެއްޓޭނެ ކަމަށް، އޭރުން އަޅުގަނޑުމެންގެ ފެން އުފައްދާ ކާރުޚާނާ ވެސް ފުޅާވެ ވަޒީފާވެސް އުފެދުނީ،" މުއްތޮލިބު ވިދާޅުވި އެވެ. އޭގެ އިތުރުން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިސް ޕްލާންޓްތައް ބަލަހައްޓައި ހިންގުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފަރެސް މާތޮޑާގެ އައިސްޕްލާންޓު ހިންގުމުގެ ތައްޔާރީތައް ވެފައިވާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ކޫއްޑޫއަކީ ގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް މުހިންމު ކުންފުންޏަކަށް ވާއިރު ކޫއްޑޫގެ ނަން މުޅީން ފޮހެވުމުގެ ބިރު ވަނީ ހީވެފަ އެވެ. އެއީ މިފްކޯ ބައިކޮށްލައިގެން އުފެއްދި ކުންފުނިތައް އަނބުރާ މިފްކޯގެ ދަށަށް ގެންނަން ކުރެވޭ މަޝްވަރާތަކާ އެކު އެވެ. ނަމަވެސް ކޫއްޑޫއިން ތިބީ އެކަމުގައި ދޫދޭ ގޮތަކަށް ނޫނެވެ. ކޫއްޑޫ ގަބޫލުކުރަނީ ދިވެހި މަސްވެރިކަމަށް މަސްވެރިންނަށް، މަސްވެރި އާއިލާތަކަށް އަދި ސަރުކާރަށްމެ ފައިދާ ބޮޑީ ކޫއްޑޫ ވަކީން އޮވެ ހިންގުން ކަމަށެވެ. ކިތަންމެ ހަގަސް ކޫއްޑުއަކީ އެކަނި އޮޕަރޭޓް ކުރެވިދާނެ ކުންފުންޏެއްކަން އެ ކުންފުނިން ގަބޫލުކުރެ އެވެ.

މުއްތަލިބު ވިދާޅުވީ ކޫއްޑޫ އުފެދުނު ފަހުން މަސްވެރިން އަތުން ގަންނަ މަހުގެ އަގު ވެސް ބޮޑު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކުރީން މިފްކޯގެ ދުވަސްވަރު ދަށް އަގުގައި ގަންނަމުން އައި ކަނޑު މަހުގެ އަގު ކޫއްޑޫ އުފެދުނު ފަހުން 22 ރުފިޔާގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޫއްޑޫއަކީ އެކަނި އޮޕަރޭޓް އެކަނި އޮޕްރޭޓް ކޮށްގެން ފައިދާ ހޯދައިދެވޭނެ ކުންފުންޏެއްކަން ކޫއްޑޫއިން ވާނީ ސާބިތުކޮށްދީފަ. އެކަމަކު އެއްކޮށްލައިފިނަމަ އޭގެ ގެއްލުން އޮތީ ހަމަ މަސްވެރިންނަށް، މުޅި ސިނާއަތަށް، އަޅުގަނޑުމެންނަށް އެކަމުގައި އާނއެކޭ ބުނެވޭކަށް ނެތް،" މުއްތޮލިބު ވިދާޅުވި އެވެ.