01 Aug 2012, 20:11
ޕްރައިވެޓް ކުލިނިކްތަކުގެ ތެރެއިން އާސަންދައިގެ ހިދުމަތް ފުރަތަމަ ލިބޭނީ ފަސް ކްލިނިކަކުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ސްޕާކްސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތް ޕްރައިވެޓް ކްލިނިކްތަކަށް ދޫކޮށްލަން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށާއި އާސަންދަ ކުންފުނީގެ ޝަރުތުތައް ފުރިހަމަ ކުރާ ކްލިނިކްތަކަށް ވަގުތުން ހިދުމަތްދޭނެ ކަމަށެވެ. އަދި ވިދާޅުވީ އާސަންދައިގެ ހިދުމަތަށް ފަސް ކްލިނިކަކުން އެދިފައިވާ ކަމަށެވެ.
"އޯގަސްޓް އެކަކުން ފެށިގެން ހިދުމަތް ދޫކުރާގޮތަށް އޮންނާނީ އެދިފައި ހުރި ހުރިހާ ކްލިނިކްތަކަށް ވެސް، ފަސް ކްލިނިކަކުން އެބަ އޮތް ހިދުމަތަށް އެދިފައި، އެ ކްލިނިކްތަކަށް އެންމެ ފުރަތަމަ ދޭނީ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެގްރިމަންޓް މާދަން ވެސް ކުރާ ހިސާބުގައި އޮތީ،" އައްބާސް ވިދާޅުވި އެވެ.
އެއީ ކޮންކްލިނިކްތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ. މާލޭގައި ސިއްހީ ހިދުމަތްދޭ ކްލިނިކުތައް ދިހަޔަކަށް ވުރެ ގިނަ އެވެ.
އެންސްޕާގެ ޗެއާމަން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ތޯރިގު އަލީ ލުތުފީ މިއަދު ވިދާޅުވީ އާސަންދަ ސްކީމުގައި ކްލިނިކްތަށް ބައިބެރިވުމަށް ކްލިނިކްތަކާއެކު ސޮއިކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާ ކަމަށާއި މާދަމާގެ ވަގުތެއްގައި ބައެއް ކްލިނިކްތަކާއެކު ސޮއި ކުރާނެ ކަމަށެވެ.
"މާދަމާ ބައެއް ތަންތަން އަޅުގަނޑުމެން ހާމަކުރާނަން، މާދަމާގެ ވަގުތެއްގައި އަޅުގަނޑުމެންނަށް ބައެއް ތަންތަނާއެކު އެގްރިމަންޓްތަކުގައި ސޮއިކުރެވޭ ވަރުވާނެ،" ތޯރިގު ވިދާޅުވި އެވެ.
ކްލިނިކްތައް އާސަންދައިގައި ބައިވެރިވި ނަމަވެސް ހިދުމަތް ދޭން ޖެހެނީ އާސަންދަ ކުންފުނިން ކަނޑައަޅައި އަގުތަކެއްގަ އެވެ. އެއަށް ވުރެ އަގުތައް ބޮޑުވާނަމަ އިތުރުވާ ފައިސާ ބަލި މީހާގެ އަތުން ކްލިނިކަށް ދައްކަން ޖެހެ އެވެ.
ތޯރިގު ވިދާޅުވީ އާސަންދައިން އެއްވެސް މީހެއްގެ އަތުން ފީ ނުނަގާނެ ކަމަށާއި ހިދުމަތް ހޯދާއިރު ކްލިނިކްތަކުން ނަގާ އެއްޗަކީ އެ ކްލިނިކަކުން ދޭ އަގު އާސަންދައިގެ އަގުތަކަށް ވުރެ ބޮޑުވުމުން ނަގާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ލިބޭނީ ކްލިނިކްތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނަގާ ފައިސާ އެއް ނޫން އެއީ، އަޅުގަނޑުމެން ނުނަގާނެ ފައިސާއެއް، އެ ކްލިނިކަކުން ދޭ އަގު އަޅުގަނޑުމެންގެ އަގަށް ވުރެ ބޮޑުވީމަ އެ ފައިސާ އެބޭފުޅުން އެ ނަގަނީ، މި ސްކީމުން ކަނޑާވަރަށް ސްކީމުން ކެނޑެމުން ދާނެ، އެހެންވެ އެކި ކްލިނިކްތަކުން ނަގާނީ ވެސް އެކި ވަރު، އެހެންވެ މީގައި ކަސްޓަމަރު ދައްކަން ޖެހޭ ޕަސެންޓޭޖް ވެސް ކަޑައެޅިފައި ނޯންނަނީ،" ތޯރިގު ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތަކީ ކޮންމެ މީހަކަށް 100،000ރ. ހިލޭ ބޭސްފަރުވާ ކުރެވޭ ހެލްތް އިންޝުއަރެންސް ސްކީމެކެވެ. އެ ނިޒާމު ތައާރަފުކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.