އިންޑިއާގެ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ސްރިކާންތު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޗެންނާއީ ފުލުހުންގެ ބެލުމުގެ ދަށަށް އެކްޓަރު ގެންދިއުމުގެ ކުރިން ސްރިކާންތު ވަނީ ޑުރަގު ޓްރެފިކިން މައްސަލައެއްގައި ހައްޔަރުކުރި މީހަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިދިޔަ ހޯމަ ދުވަހު ވެސް ފުލުހަށް ހާޒިރުކޮށްފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތެލުގޫ ފިލްމުތަކުން ސްރީރާމްގެ ގޮތުގައި މަޝްހޫރުކަން ހޯދި އެކްޓަރު ނާކޮޓިކްސްއަށް ޕޮޒިޓިވްތޯ ބެލުމަށް ކުރެވުނު ޚާއްސަ ޓެސްޓުތަކުން ވެސް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، އޭނާ ވަނީ 40 ފަހަރު މަތިން 12،000 އިންޑިއާ ރުޕީސްގެ ކޮކެއިންގެ ވިޔަފާރިކޮށްފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ފިލްމު އެކްޓަރު ސްރިކާންތު އަންހެނުންނާ އެކު--ފޮޓޯ/ފޭސްބުކް

މި މައްސަލައާ ގުޅިގެން އުމުރުން 47 އަހަރުގެ އެކްޓަރު ފުލުހުންގެ ބެލުމުގައި ދަށުގައި ހުރިއިރު ސްރީކާންތުގެ ފަރާތުން މިކަމާ ގުޅޭގޮތުން ޚާއްސަ ބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން މި ކަމުގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ސްރީކާންތު ތަމަޅަ ފިލްމަކުން އެންމެ ފުރަތަމަ ފެނުނީ 2002 ވަނަ އަހަރެވެ. އެއީ ލޯބީގެ ފިލްމެއް ކަމަށްވާ "ރޯޖާ ކޫތަމް" ނަމަކަށް ކިޔާ ފިލްމެކެވެ. އޭނާ ވަނީ މިއަހަރު އިތުރު ތިން ފިލްމެއްގައި މަސައްކަތް ކުރުމަށް ސޮއިކޮށްފައެވެ.