މި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އިންޑިއާގެ ޕަންޖާބު ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ދޮސާންޖުގެ ފިލްމު "ސަރުދާރު ޖީ 3"އާ ގުޅިގެން އެކްޓަރު ބްލެކްލިސްޓުކޮށް, ޕާސްޕޯޓު ވެސް ބާޠިލުކުރުމަށް ގޮވާލައިފިއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ކަންކަން ބަލަހައްޓާ އިސް އިދާރާތަކުންނާއި އާއްމުންގެ ގިނަ ބަޔަކު ވަނީ ދިލްޖީތާ ގުޅިގެން ފިލްމީ މަސައްކަތްކުރާ ފަރާތްތަކުން އެކްޓަރާ އެކު މަސައްކަތްކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.

ގިނަ ބަޔަކު ދިލްޖީތާ ދެކޮޅަށް އަޑުއުފުލަމުން އަންނަނީ އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "ސަރުދާރު ޖީ 3"ގައި ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރުގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ އެހެނިހެން ފިލްމީ ތަރިން ހިމަނާފައިވާތީއެވެ.

މި ފިލްމުގެ ޓީޒާ ރިލީޒްކުރުމާ އެކު އިންޑިއާގެ ފިލްމު ފެޑަރޭޝަނުން ވެސް ވަނީ އެ އިދާރާއިން އަންގާފައިވާ އެންގުންތަކާ ޚިލާފުވެފައިވާ ނަމަ ދިލްޖީތާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައެވެ.

ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ފިލްމު "ސަރުދާރު ޖީ 3"ގެ ބައެއް މަންޒަރުތަކުން ފެންނަ ފޮޓޯތަކެއް--ފޮޓޯ/އެންޑީޓީވީ

ފިލްމުގެ ޓީޒާއިން ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރުގެ މޫނު ނުފެންނަ ގޮތަށް ބަތަލާގެ މަންޒަރުތައް ހިމަނާފައިވިޔަސް ފިލްމުގެ ޓްރެއިލާ ރިލީޒްކުރިއިރު ހާނިއާ އާމިރުގެ ވަރަށް ގިނަ މަންޒަރުތައް ފިލްމުގެ ޓްރެއިލާއިން ފެނެއެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާ އެކު އޯލް އިންޑިއަން ސައިން ވޯކްސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ)އިން ވަނީ ފިލްމު އިންޑަސްޓްރީގެ ޕްރޮޑިއުސަރުންނާއި މިއުޒީޝަނުން އަދި އިވެންޓު އޮގަނައިޒަރުންނަށް ވެސް ދިލްޖީތާ އެކު މަސައްކަތް ނުކުރުމަށް ގޮވާލާ އެކްޓަރާ ގުޅުން ކަނޑާލުމަށް އަންގާފައެވެ.

ދިލްޖީތު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "ސަރުދާރު ޖީ 3"ގައި ޕާކިސްތާނުގެ ފިލްމީ ތަރިން ހިމެނުމާ އެކު ދިލްޖީތުގެ ހިތުގައި އަމިއްލަ ޤައުމުގެ އަސްކަރީ އޮފިސަރުންނަށާއި އަމިއްލަ ޤައުމަށް އެއްވެސް އިހުތިރާމެއް ލޯތްބެއް ނެތްކަން ދޭހަވެގެން ހިނގައްޖެ ކަމަށް އޭއައިސީޑަބްލިއުއޭއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އިންޑިއާގައި ހުނަރުވެރި ފިލްމީ ތަރިންތަކެއް ތިއްބާ ޕާކިސްތާނު ފިލްމީ ތަރިންނަށް އިސްކަން ދިނުމަކީ ދިލްޖީތުގެ ހިތުގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް އޮތް ގަދަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް މި އޮތޯރިޓީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ދިލްޖީތުގެ ޕާސްޕޯޓު ބާޠިލުކޮށް އެކްޓަރާ މެދު އެންމެ ހަރުކަށިކޮށް ފިޔަވަޅު އެޅުމަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއިސްއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު މިދިޔަ މެއި މަހުގެތެރޭ ހޫނުވެ، ދެ ޤައުމުގެ އަސްކަރިއްޔާއިން ހަމަލާތައް ބަދަލުކޮށްފައިވާއިރު ޕާކިސްތާނުގެ އެކްޓަރުންނަށް އިންޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެތް ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ އެއްވެސް ކޮންޓެންޓެއް އިންޑިއާގައި ބެލުން މަނާކޮށްފައިވާއިރު ޕާކިސްތާނުގެ ފިލްމީ ތަރިންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް އިންޑިއާގައި ވަނީ ބްލޮކްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދިލްޖީތު ބީބީސީ އޭޝިއަން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މި ފިލްމަށް ޕްރޮޑިއުސަރުން ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށެވެ. މި ފިލްމުގެ މަސައްކަތް ފެށިއިރު ދެ ޤައުމުގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އޭރު ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އަމާންކަމާ އެކު ކަމަށް ދިލްޖީތު ވަނީ ބުނެފައެވެ.

ނަމަވެސް، އިންޑިއާގައި ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލާ ފިލްމަށް މައްސަލަތަކެއް ދިމާވެފައިވާތީ "ސަރުދާރު ޖީ 3" ރިލީޒްކުރަން ނިންމާފައިވަނީ އިންޑިއާއިން ބޭރުގައި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމަކީ ވަރަށް ބޮޑު ހޭދައެއްކޮށް އުފައްދާފައިވާ ފިލްމެއް ކަމުން ފިލްމު އިންޑިއާއިން ބޭރުގައި ރިލީޒްކުރުމަކީ ދިލްޖީތުގެ އެކަނި ނިންމުމެއް ނޫން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެއީ، ފިލްމުގެ އެހެން ޕްރޮޑިއުސަރުން ނިންމި ނިންމުމެއް ކަމަށާއި އެ ކަމުގައި އޭނާ ހުރީ އެ ޕްރޮޑިއުސަރުންނާ އެކު ކަމަށް ދިލްޖީތު ވަނީ ބުނެފައެވެ.