01 Aug 2012, 19:44
އެމްޓީސީސީގެ ބާޒާރުމަތީގައި ހުންނަ ކޯޕަރޭޓް ޓަވަރާއި ވިލިމާލޭ ފެރީ ޓާމިނަލްގައި އަޅާ ފެމެލީ އެންޓަޓެއިންމެންޓް ސެންޓަރު ތަރައްގީ ކުރުމަށް 10 ފަރާތަކުން ޝަގުވެރިކަން ފާޅުކޮށްފި އެވެ.
އެމްޓިސީސީން ބުނީ ޝައުގުވެރިކަން ފާޅުކުރި 10 ޕާޓީގެ ތެރޭގައި ހިމެނެނީ ބޭރުގެ ހަ ފަރާތަކާއި ރާއްޖޭގެ ހަތަރު ޕާޓީއެއް ކަމަށެވެ. އެ 10 ފަރާތަށް ބީލަމާބެހޭ މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުނީ މިދެ ޕްރޮޖެކްޓްގެ ބީލަން ހުޅުވާލުން އޮންނީ މިމަހުގެ ނުވަނަ ދުވަހު ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަދިވެސް ފުރުސަތު އޮތް ކަމަށެވެ.
އެމްޓީސީސީގެ ބިޒްނަސް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓްގެ ވެރިޔާ، ހައްވާ ހުޒެއިމާ މިއަދު ވިދާޅުވީ އެ ކުންފުނިން ތަރައްގީ ކުރާ ޓަވަރު އަޅާނީ 10 ބުރިއަށް ކަމަށާއި އެ ޕްރޮޖެކްޓަށް 60 މިލިއަން ރުފިޔާ އިންވެސްޓްކުރަންޖެހޭނެ ކަމަށެވެ. އަދި އެ އިމާރާތަށް ވަކިން ވަކިން އިންވެސްޓު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޓީސީސީން ނިންމާފައިވަނީ އިންވެސްޓްކުރާ ފަރާތްތަކަށް ޓަވަރުގެ ހަ ފްލޯއެއް 20 އަހަރަށް ދިނުމަށެވެ.
"އެ ދެ އިމާރާތް ވެސް ހަދާނީ އަޅުގަނޑުމެން އަޅުގަނޑުމެން ބޭނުންވަނީ އެކަމަށް ޝައުގުވެރިވެގެން އިމާރާތަށް އިންވެސްޓްކުރާނެ ބަޔަކު ހޯދަން. މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ބިޑް ކާމިޔާބު ކުރާތާ 100 ދުވަސް ތެރޭގައި. މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ ދެ އަހަރު ތެރޭގައި" ހުޒެއިމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އިމަރާތުގައި ފުލް އިކުއިޕްމެންޓް މީޓިން ރޫމަކާއި ސެމިނާ ހޯލަކާއި އިންހައުސް ކެފެޓީރިއާއަކާއި 24 ގަޑިއިރުގެ ސެކިއުރިޓީ ސާވިސް ހުންނާނެ ކަމަށެވެ.
އެމްޓީސީސީން ދެން އިންވެސްޓަރުން ހޯދަނީ ވިލިމާލޭ ފެރީ ޓާމިލަން ތަރައްގީ ކުރުމުގެ ގޮތުން ހަދާ ފެމެލީ އެންޓަޓައިމެންޓް ސެންޓަރު ތަރައްގީ ކުރުމަށެވެ. އެ ސެންޓެރަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ސެންޓަރެވެ.
އެ ސެންޓަރުގައި ތިން ސިނަމާއާ ފުޑް ކޯޓެއްގެ އިތުރުން ބްޓިކްސް ޝޮޕަކާއި ސުޕަމާކެޓެއް ހުރެ އެވެ. އެ ތަން ތަރައްގީ ކުރާ ފަރާތަކަށް އެސެންޓަރުގެ ހަތަރު ފްލޯ އާއި ޕާކިން ބިލްޑިންއިން ހިމެނޭ ތިން ފްލޯ ލިބޭނެ އެވެ.
ހުޒެއިމާ ވިދާޅުވީ އެންޓަޓެއިންމެންޓް ސެންޓަރު ހަދަނީ ޓާމިނަލާއި އިންވެގެން އޮތް ޕާކިން އާއި ގުޅުވާލައިގެން ކަމަށައި އެތަނުގައި ހަ ބުރީގެ ޕާކިން ތަރައްގީކުރާނެ ކަމަށެވެ.
އެމްޓީސީސީގެ ދެ ޕްރޮޖެކްޓަށް އިންވެސްޓްކުރާނެ ބަޔަކު ހޯދާއިރު އެ ކުންފުންޏަށް މިދިޔަ ތިންއަހަރު ދުވަހުވެސް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީގެ ފައިދާ ވަނީ މައްޗަށް ޖެހިފަ އެވެ.