އަންނައަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި 23 ވަނަ ދުވަސް ޕޮލިސް "މެމޯރިއަލް ޑޭ"ގެ ގޮތުގައި ފާހަގަ ކުރަން ހަމަޖައްސައިފި އެވެ.

ކ. ކާށިދޫގައި ޑިއުޓީއަށް ދިޔަ މަގުމަތީ އަނިޔާވެރި ގޮތަކަށް މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ "ތަޢުބީން" ޖަލްސާގައި ވާހަކަ ދައްކަވަމުން ކަމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް މަރުވެގެންދާ ފުލުހުންނާއި އެ ފުލުހުންގެ އާއިލާގެ މަތިން ހަނދާން ނައްތާނުލާނެ ކަމަށާއި އަދި އެފަދަ އާއިލާތައްވާނީ ފުލުހުންގެ އާއިލާތަކާ އެކު ކަމަށެވެ. ގައުމަށްޓަކައި ޚިދުމްތަ ކުރަނިކޮށް މަރުވެގެންދާ ފުލުހުންގެ ހަނދާންތައް އާ ކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ޕޮލިސް "މެމޯރިއަލް ޑޭ"ގެ ގޮތުގައި ފާހަގަ ކުރަން ހަމަޖައްސައިފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އެފަދަ އާއިލާތައް މަތިން އަދި އެފަދަ ފުލުހުން މަތިން އަޅުގަނޑުމެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. އެފަދަ އާއިލާތައް ދެމިތިބޭނީ އަޅުގަނޑުމެންގެ ފުލުހުންގެ އާއިލާ މެމްބަރުންގެ ގޮތުގައި. މިކަން މިގޮތަށް ދެމެހެއްޓުމަށްޓަކައި 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޖުލައި 23 ވަނަ ދުވަހަކީ ޕޮލިސް "މެމޯރިއަލް ޑޭ"ގެ ގޮތުގައި ފާހަގަ ކުރަން ހަމަޖައްސާފައިވާކަން އަޅުގަނޑު އިޢުލާން ކުރަން،" ރިޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ފުރާނަ ގެއްލޭ ކޮންމެ ފުލުހަކީ އޭނާގެ މުޅި ހަޔާތް ގައުމަށްޓަކައި ގުރުބާން ކުރާ ފުލުހެއް ކަމަށާއި ފުލުހުންގެ ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކީ އެމީހެއްގެ މުޅި ހަޔާތް ގައުމަށްޓަކައި ދޫކޮށްލަން ޖެހޭފަދަ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ދުވަހެއް ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ. އަދި ޑިއުޓީ އަދާކުރަމުންދާއިރު އަނިޔާލިބޭ ފުލުހުންގެ މަތިން ހަނދާން އާ ކުރައްވާ ރިޔާޒު ވިދާޅުވީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހަމަލަދިނުމަށް ގޮވާލާ ފަރާތްތަކާ މެދު ގާނޫނު ތަންދިން އެންމެ ފުޅާ މިނެއްގައި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. އަދި ފުލުހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ފޫބައްދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފުލުހުންނާ ދެކޮޅަށް މިއަދު ގިނަގުނަ ޖަރީމާތަކެއް ބަޔަކު ހިންގި ކަމުގައިވިޔަސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީންނާ ފުލުހުންގެ ގާނޫނުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރާ ޚިދުމަތް ދިމުން މަތީ ދެމިތިބުމަށް އެންމެތަންފުކެއް ވެސް ފަހަތަށް ނުޖެހުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަޑައަޅައިގެން،" ރިޔާޒު ވިދާޅުވި އެވެ.

ޝަހީދު އާދަމް ހަލީމަކީ 2004 ވަނަ އަހަރުން ފެށިގެން ވަކި ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ވަކި ވުމަށްފަހު މަރުވި ތިން ވަނަ މީހާއެވެ. ނަމަވެސް އާދަމް ހަލީމަކީ ފުލުހުންގެ ގާނޫނަށް 2008 ވަނަ އަހަރު ޢަމަލު ކުރަން ފެށި ފަހުންނާއި ޑިއުޓީގައި އުޅެނިކޮށް މިހާތަނަށް ރަހުމްކުޑަ ގޮތަކަށް ހަމަލާދިނުމުގެ ސަބަބުން ނިޔާވި ފުރަތަމަ ފުލުސް މީހާ ކަމަށް ކޮމިޝަނާ ރިޔާޒު ވިދާޅުވި އެވެ. އޭގެ ކުރިން ޑިއުޓީގައި އުޅެނިކޮށް މަރުވި ފުލުހަކީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ކަނޑުމަތީގައި ހާލުގައިޖެހިފައިވާ ބަޔަކަށް އެހީވާން ދަނިކޮށް ކަނޑުމަތީގައި ދުއްވި ސައިކަލު އެކްސިޑެންޓްވެ މަރުވި ލާންސްކޯޕްރަލް އަލީ ނާޒިމް އެވެ. އަދި ހަމަ 2007 ވަނަ އަހަރު މާޗް މަހުގެ 13 ވަނަ ދުވަހު ޑިއުޓީއަށް ދިއުމަށް މާލެން ދޫނިދޫއަށް ދިޔަ މަގުމަތީ ހިނގި އެކްސިޑެންޓެއްގައި ޕޮލިސް ކޮންސްޓަބްލް ޔޫސުފް ޒަމީލް ވެސް ވަނީ މަރުވެފަ އެވެ.

ވަޅިން ހަމަލަދީ މަރާލި ސާޖަންޓް ޝަހީދު އާދަމް ހަލީމްގެ ތައުބީރު ޖަލްސާގައި ވަނީ ޑަބަލް ޕްރޮމޯޝަނާއި ރައީސުލް ޖުމްހޫރިއްޔާގެ މެޑަލް އާދަމް ހަލީމްގެ ބައްޕައާއި ހަވާލުކޮށްފަ އެވެ. އަދި އޭނާގެ އާއިލާއަށް ދިނުމަށް ހަމަޖެއްސި އިނާޔަތްތައް ވެސް ވަނީ ރަމްޒީގޮތުން އާދަމް ހަލީމްގެ ބައްޕަ އާ ހަވާލުކޮށްފަ އެވެ.

އާދަމް ހަލީމްގެ މަރާ ގުޅިގެން ދައުލަތުން ދައުވާ ކުރާ ކާށިދޫ، ސުވާސާގޭ، މުހައްމަދު ސަމާހު ވަނީ އާދަމް ހަލީމް މަރާލިކަމަށް ޝަރީޢަތުގައި އިއުތިރާފްވެފަ އެވެ.