އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ވިޔަންސާ އަތުން މޮޅުވެ، ނިއު ދިރާގު ދިވެހި ލީގުގައި ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

މި މެޗުން މޮޅުވުމުން ނިއު އަށް 30 ޕޮއިންޓް ލިބިފައިވާއިރު ވިޔަންސާ އަށް ލިބެނީ 9 ޕޮއިންޓާއެކު ޓޭބަލުގެ ހަތް ވަނަ އެވެ. އަށް ޓީމު ވާދަ ކުރާ ލީގުގެ ތިން ވަނަ ބުރަށް ދާނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމެވެ. ދެ ވަނަ ބުރުގައި ބާކީ ކޮންމެ ޓީމަކަށް ވެސް ދެން އޮތީ ދެ މެޗެވެ.

މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް މެޗަކީ އުނދަގޫ މެޗެއް ކަމަށެވެ.

"އެނގޭ އުނދަގޫވާނެކަން ވެސް. އެކަމަކު ތިން ޕޮއިންޓް ލިބުނީމަ ހިތްހަމަޖެހޭ. ހާއްސަކޮށް ފަހު ހާފުގައި ވަރަށް ދަށްކޮށްދިޔައީ،" މޯހަން ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބަލިވި ނަމަވެސް ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި ހާއްސަކޮށް ފުރަތަމަ އެގާރައަށް ގެނައި ބަދަލުތަކާއެކު ކުޅުން ވަރަށް ރަނގަޅު ކަމަށެވެ.

ލީގުގައި މިރޭ ކުޅޭނީ ހަތަރުވަނާގައި އޮތް މާޒިޔާ އާއި ޓޭބަލުގެ ފުލުގައި އޮތް ވެލެންސިއާ އެވެ.