24 Jun 2025, 09:46
އިންޑިއާގެ މަޝްހޫރު ޓެލެވިޒަން އެކްޓަރު ރާމް ކަޕޫރާއި ބާލާޖީގެ އިސްވެރިޔާ ޕްރޮޑިއުސަރު އެކްތާ ކަޕޫރާ ދެމެދު މައްސަލަޖެހި ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރާމް އަކީ އެކްތާ ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް "ބަޅޭ އައްޗޭ ލަގްތޭ ހޭ"އިން އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރެކެވެ. މީގެ އިތުރުން ވެސް ރާމް ވަނީ އެކްތާ ޕްރޮޑިއުސްކޮށްފައިވާ ގިނަ ޑްރާމާ ސީރީސްތަކެއްގައި މީގެ ކުރިން ވެސް މަސައްކަތްކޮށްފައެވެ.
ރާމް އިންޓަވިއުދިން ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައި ވަނީ ސޮނީއިން ގެނެސްދިން އެކްތާގެ ސީރީސް "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ބައެއް އެޕިސޯޑުތަކުގައި އެ ސިލްސިލާގެ ބަތަލާއާ އެކު ގައިގޯޅި މަންޒަރުތަކެއް ކުޅެން އެކްތާ އެދުނު ކަމަށެވެ.

ރާމް ކަޕޫރު އަދި ބަތަލާ ސާކްޝީ ތަންވާރު--ފޮޓޯ/އެންޑީޓީވީ
އެއީ 2011 އިން 2014ވަނަ އަހަރާ ހަމައަށް ސޮނީއިން ގެނެސްދިން އެ ސިލްސިލާގެ ފުރަތަމަ ސީޒަންގެ އެޕިސޯޑުތަކެކެވެ. އެ މަންޒަރުތައް ރާމް ކުޅެފައި ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެގެން ކަމަށާއި ނަމަވެސް ސިލްސިލާގެ ޕްރޮޑިއުސަރު އެގޮތަށް އެކަން ކުރަން ބުނުމުން އެ މަންޒަރުތައް ކުޅުނީ ކަމަށް ރާމް ވަނީ ބުނެފައެވެ.
ރާމްގެ މި އިންޓަވިއުއާ ގުޅިގެން އެކްތާ ވަނީ އެ ކަމާ ވަރަށް ބޮޑަށް ނުރުހިފައިވާކަން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. ރާމްގެ ނަން ނުކިޔާ ނުސީދާ ގޮތަކަށް އެކްތާ ބުނެފައި ވަނީ ދޮގު މައުލޫމާތު ހިމެނޭ ގޮތަށް އެކްތާގެ ނަން ބޭނުންކޮށްގެން ޓީވީ، އެކްޓަރުން އިންޓަވިއުދިނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ހަމައެއާއެކު އެފަދަ އެކްޓަރުންގެ ފަރާތުން ފެންނަ އެފަދަ އަމަލުތަކުގެ ސަބަބުން އެ މީހުންގެ ޕްރޮފެޝަނަލް ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް އެކްތާ ވަނީ ބުނެފައެވެ.
އޭގެފަހުން އެކްތާގެ އެއްވެސް ސީރީސްއެއްގައި ރާމް މަސައްކަތްކޮށްފައިނުވާއިރު ފިލްމީ ހަފްލާތަކުން ފެނުނަސް އެކަކު އަނެކަކަށް ވަރަށް ދުރުދުރުން އުޅޭ މަންޒަރު މީޑިއާ ރިޕޯޓަރުންނަށް ވަނީ ފާހަގަކުރެވިފައެވެ.
ރާމް ކަޕޫރު ދާދިފަހުން އެންޑީޓީވީއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެކްތާގެ އެ ފާޑުކިޔުންތަކަށް އޭނާ އެއްވެސް ރައްދެއް ދޭން ބޭނުންނުވާ ކަމަށެވެ. ރާމްގެ ޓީވީ ކެރިއަރުގައި ލިބުނު ކާމިޔާބީ އަކީ ހަގީގަތުގައި އެކްތާގެ ސަބަބުން އެކްޓަރަށް ލިބުނު ކާމިޔާބީ ކަމަށާއި އެހެންވެ އެކްތާ ބޭނުން އެއްޗެއް ރާމް އާއި ދިމާލަށް ބުންޏަސް އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.
ޓެލެޑްރާމާ ތަކުގެ އިތުރުން ބައެއް ފިލްމުތަކުން ވެސް މިހާރު ފެންނަ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އެކްޝަން ތުރިލާ "ޔުދްރާ"ގެ ރޯލަކުންނެވެ.