ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލާގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ޖޫން މަހު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިއަދު މެންދުރުގެ ވަގުތެއްގައި އެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ފަހުމީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރުގެ މާގާމުގައި ހުރި މުވައްޒަފެކެވެ.

ފަހުމީ އެކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް ވަނީ ބަލައިފަ އެވެ. އަދި އެކޮމިޓީން އެމައްސަލަ ބެލުމަށްފަހު ފަހުމީ އެ އަމަލު ހިންގެވި ކަމަށް ކޮމެޓީގެ އަގުލަބިއްޔަތުން ފާސްކޮށް، 14 ދުވަހުގެ ތެރޭގައި އިސްއުފާ ދެއްވުމަށް ފަހުމީއަށް ވަނީ އަންގަވައިފަ އެވެ. ނަމަވެސް އެމުއްދަތު ހަމަވިއިރުވެސް ފަހުމީ އެމަގާމުން އިސްތިއުފާދެއްވާފައެއް ނުވެ އެވެ.

ފަހުމީ އިސްތިއުފާ ދެއްވުމަށް ކޮމެޓީން އަންގާފައިވަނީ ގާނޫނޫ އަސާސީގެ 187 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ސީސީއެސްސީގެ މެންބަރަކު މާގާމާ އެކަށީގެން ނުވާފަދަ ކަމެއް ކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓިއަކަށް ފެނިގެން، އެ މެންބަރަކު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްތަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީ އެވެ.