ރަމަޟާން މަހު ދީނީ ދަރުސް ދެއްވުމަށް ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންނާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިސްލާމިމް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު މެންދުރު އޮތް ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމްގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދީދީ އާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމަށް ފަހު ޝަހީމް ވިދާޅުވީ ރޯދަމަހަށް ފަހު އެބޭފުޅުން ގައުމަށް އެނބުރި ވަޑައިގަތުމަށްފަހު ވެސް އެ މިނިސްޓްރީއާ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީއާއި އޮންނަ ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާއިރު އެ މިނިސްޓްރީން ޗާޕްކުރަން ބޭނުންވާ ފޮތްތަކާއި އެކަމަށް ފަންޑު ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ކުރިން ދާއިމީގޮތެއްގައި ނެރެމުން އައި ހިދާޔަތުގެ އަލި އިލްމީ މަޖައްލާއެއްގެ ގޮތުގައި ބަޔަކާއި ހަވާލުކޮށްގެން ނެރެން މިހާރު ހަމަޖައްސާފައިވާކަމަށެވެ. އަންނަ މަހުން ފެށިގެން އިސްލާމީ އިޖުތިމާއީ މަޖައްލާއެއްގެ ގޮތުގައި އެ މަޖައްލާ ނެރުމަށް ހަމަޖެހިފައިވާކަމަށާއި އެ މަޖައްލާ ނެރުމަށް ބަޖެޓް ހޯދަނީ އަމިއްލަ ފަރާތްތަކުގެ އެހީ އާއި އަދި މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވެން ހުރިވަރަކަށް ފައިސާ ހޯދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިން ދާއިމީގޮތެއްގައި ނެރެމުން އައި ހިދާޔަތުގެ އަލި މިހާރު ނިންމާފައި ވަނީ މަހަކު އެއްފަހަރު ނެރޭ އިލްމީ މަޖައްލާއެއްގެ ގޮތުގައި ނެރެން. މިއަންނަ މަހުން ފެށިގެން އިސްލާމީ އިޖުތިމާއީ އިލްމީ މަޖައްލާއެއްގެ ގޮތުގައި އެ މަޖައްލާ މުޖުތަމައުއަށް އަންނާނެ. ހަމަ ހިދާޔަތުގެ އަލީގެ ނަމުގައި ނުކުންނާނީ،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރޯދަމަހު މާލޭގެ ބައެއް މިސްކިތްތަކުގައި އިނގިރޭސި ބަހުން ހުކުރު ޚުތުބާ ކިޔާގޮތަށް ކުރިން ޚިޔާލުކުރި ނަމަވެސް މިހާރު އެކަން ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

"ޒުވާނުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ތަރުހީބެއް ލިބުނަސް ކަމުވޮށިވެގެންވާ ބޭފުޅުން އެކަމުގަ ޚިޔާލުދެއްވީ އެކަން އެގޮތަށް ކުރިއަށް ނުގެންދިޔުމަށް. އަޅުގަނޑުވާނީ އެކަން ހުއްޓާލާފަ. އަޅުގަނޑަށް ލިބުނު ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް،" ޝަހީމް ވިދާޅުވި އެވެ.