ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެމްޑީޕީން ހުއްޓުވާލައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިސް ނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް ހުރަސް އެޅުމަށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްޕާޝަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.

އައްބާސް ވިދާޅުވީ ސަރުކާރުން ގަބޫލްކުރާ ގޮތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލައިފައިވަނީ ސިޔާސީ ޕާޓީތަކުގެ ވާހަކަތައް މެދުކެނޑިފައިވަނިކޮށް، ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގައާއި މަޖިލީހުގެ ތެރޭގައި މަސައްކަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް ކަމަށެވެ.

މި މަޝްވަރާތައް ކުރިއަށް ދާނީ މި ދެމަރުހަލާ އެކީގައި ކަމަށް ސަރުކާރުން ދެކޭ ކަމަށާއި މިއިން އެއްވެސް މަރުހަލާއެއް ހުއްޓުވާލާފައި ބޭއްވުމަކީ ސަރުކާރުން ގަބޫލްކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި މަޖިލީހުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންގޮސް، ޕާޓީތަކުގެ ވެރިން މަސްވަރާކޮށްގެން ގާނޫނުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މި ދެޓްރެކްގައި މަސައްކަތް ކުރުމަށް، ސަރުކާރުން ވާނީ އެގޮތަށް އެއްބަސްވެފައި، މިއިން އެއްވެސް ކަމެއް ހުއްޓުވައިލައިފިނަމަ ސަރުކާރުން ބޭނުމެއް ނުވާ ވާހަކަތަކުގައި ބައިވެރިވާކަށް،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާއިރު ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގެ މަޝްވަރާތަކާއި ރައްޔިތުންގެ މަޖުލީހުގެ މަޝްވަރާތަކަކީ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާތީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ ފެންވަރުގައި އެމަޝްވަރާތައް މަޖިލީހުގައި ވެސް ފެށުމަށް ހުށަހަޅައިފައިވަނިކޮށް ކަމަށެވެ.

ނަމަވެސް އެމްޑީޕީން މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލުމަށް ކޮށްފައިވާ ދަށު ދަރަޖައިގެ އެއަމަލްކުށްވެރި ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ ކަން ރިޔާސަތުން ނިންމަވާފައިވާއިރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތައާރަފްކޮށްފައިވާ އާސަންދަ ނިޒާމުގެ ދަށުން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ދޭއިރު އަގެއް ނަގާ ގޮތަށް މިސަރުކާރުން ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާތީ އާސަންދަ ހިދުމަތުން އަގެއް ނަގާ ކަމަށްވާނަމަ މަޖިލީހުގެ ތަޅުމުގައި އާއި މަޖިލީސް ބޭރުގައި މުޒާހަރާ ކުރާނެ ކަމުގެ އެމްޑީޕީން ވަނީ ބުނެފަ އެވެ.

އައްބާސް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލައިގެން މިއުޅެނީ ކޮންމެހެން އާސަންދައިން އަގެއް ނެގުމަށް ހަމަޖައްސާތީ ނޫން ކަމަށާއި އެމްޑީޕީގެ ބޭނުމަކީ ސިޔާސީ ޕާޓީތަކުގެ ވާހަކަތައް ކުރިއަށް ނުގެންދިއުމަށް ކަމަށެވެ.

" އާސަންދަައިގެ މަސައްކަތްތައް ކުރިއަށްގެންދާކަން މާކުރިން ވެސް އެމްޑީޕީ މެންބަރުންނަށް ވެސް އެނގޭ، އެހެންނަމަވެސް މަޖިލީސް ނުހުއްޓުވާލައްވާ، ހަގީގަތަކީ އެބޭފުޅުން ބޭނުމެއް ނުވޭ [ސިޔާސީ ޕާޓީތަކުގެ ވާހަކަތަކުގައި] ބޭރުގެ އިންވޯލްމަންޓަކާ އެކު ކުރިއަށްދާ ކަމަށް،" އައްބާސް ވިދާޅުވި އެވެ.