އާސަންދައިގެ ހިދުމަތް ޕްރައިވެޓް ހޮސްޕިޓާތަކުންނާއި ކްލިނިކްތަކުން ދިނުމުގައި އަގެއް ނަގާ ގޮތަށް ސަރުކާރުން ހަމަޖައްސާފައި އޮތް ނަމަވެސް ސަރުކާރުން ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް އަދި އަގު ނަގަން ފަށާފައިނުވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލު މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތުން އަގެއް ނަގާގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވުމަށްޓަކައި އެކަށީގެންވާ ވަރަށް މައުލޫމާތު އަދި ލިބިފައިނުވާތީ އެހިދުމަތުން އަގު ނަގަން އަދި ފަށާފައިނުވާ ކަމަށެވެ.

އައްފާލް ވިދާޅުވީ އާސަންދައިގެ ދަށުން ޕްރައިވެޓް ތަންތަނުން ހިދުމަތްތަކަށް ނެގުމަށް ހަމަޖައްސާފައިވާ އަގު ލިސްޓް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ލިބިފައިވާ ކަމަށާއި އެ އަގުތައް ދިރާސާކޮށް ހޮސްޕިޓަލްގެ ޕްރޮގްރާމްގެ ތެރެއަށް ހިމެނުމަށް ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް މިކަމުގެ އަދި ހޭދަވާނީ ކިހާދުވަހެއް ކަމެއް އައްފާލް ވިދާޅެއް ނުވެ އެވެ.

"ޑޮކްޓަރަށް ދެއްކުވުމުގެ އަގެއްގެ ގޮތުގައި އޭޑީކޭގައި 200ރ. އިންނައިރު އާސަންދައިގެ އަގު ލިސްޓުގައި މިއިންނަނީ 100ރ، އެގޮތަށް އެކިއެކި ހިދުމަތްތަކަށް އެކި އަގު މިހުންނަނީ، އެހެންވެ އަޅުގަނޑުމެން ވާނީ އަންގާފައި އެއަގުތައް ބެލުމަށްފަހު އާސަންދަ ކުންފުންޏާއެކު މިކަންތައް ކުރިއަށް ގެންދާނެ ގޮތެއް އަންގާނެ ކަން،" އައްފާލު ވިދާޅުވި އެވެ.

އާސަންދައިގެ ނިޒާމުގެ ތެރެއަށް ކްލިނިކްތަކާއި ޕްރައިވެޓް ހޮސްޕިޓާތައް ހިމެނުމަށް ސަރުކާރުން ވަނީ އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެބަދަލުތަކާ އެކު މިއަދުން ފެށިގެން އާސަންދައިގެ ހިދުމަތް އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ކްލިނިކްތަކުން ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާޝަން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.

އާސަންދަ ހިދުމަތް ދިނުމުގައި ރައްޔިތުންގެ އަތުން ފައިސާ ނަގާނަމަ އެމްޑީޕީން ހުއްޓާނުލާ މުޒާހަރާ ކުރާނެ ކަމަށާއި އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި އާސަންދަ ހިދުމަތުން އަގުނަގަން އުޅޭ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހުރަސްއަޅަމުން ގެންދިއުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ވަނީ މުއްދަތެއް ނެތް ގޮތައް މެދުކަނޑާލައިފަ އެވެ.