01 Aug 2012, 14:54
މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށަން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އެމްޑީޕީގެ އިބްރާހިމް މުހަންމަދު ސޯލިހާއި މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ އަބްދުﷲ ޔާމީނާއި އެކު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު މަޝްވަރާ ކުރެއްވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްވެސް ބައިވެރިވެ ވަޑައިގަތް އެ ބައްދަލުވުމުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގައި އުފެދިފައިވާ ހިޔާލުތައް އެއްގޮތް ކުރާނެ ގޮތަކާއި މެދު ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ ކޯރަމްގެ މައްސަލައާއި ނިޒާމުގެ ގެއްލުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މެންބަރުންގެ ސުލޫކު ގަވާއިދާއި މެންބަރުންގެ އިމްތިޔާޒް ޤާނޫނު އަދި މަޖިލިސް ގަވާއިދަށް ބައެއް އިޞްލާޙުތައް އަވަހަށް ގެނައުމާ މެދު މަޝްވަރާ ކުރި ކަމަށް އިދާރާއިން ބުންޏެވެ.
އެ މަޝްވަރާތަކުގައި މަޖިލީހުގެ ރައީސް އަބްދޫﷲ ޝާހިދު ވިދާޅުވެފައިވަނީ މިއަދު ފެށި މަޝްވަރާތައް ކާމިޔާބުކުރުމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބުން މުހިއްމުކަމަށާއި މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވި އަވަސް ފުރުސަތެއްގައި ޖަލްސާތައް ފެށޭނެކަމުގައި އުއްމީދުގައި ހުންނެވި ކަމަށެވެ.
އިއްޔެއިން ފެށިގެން ވަކި މުދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތަށް ހުއްޓާލީ ޖަލްސާތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަމާން މާޙައުލެއް ކަށަވަރު ކުރެވެން ނެތުމާއި، ފަހަކަށްއައިސް މަޖިލީހުގެ ޖަލްސާތައް ނިޒާމް ގެއްލިގެން ތަކުރާރުކޮށް ހުއްޓާލަން ޖެހޭތީ އެވެ. ޖަލްސާތަކަށް އެންމެ ގިނައިން ހުރަސް އަޅާ އެމްޑޫޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން ވިދާޅުވެފައިވަނީ އާސަންދައިން ރައްޔިތުންގެ އަތުން ޗާޖް ކުރާނަމަ މަޖިލިސް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދެއްވާނޭ ކަމަށެވެ.