23 Jun 2025, 09:08
ހިންދީ ސިނަމާއިން މިހާތަނަށް ފެނުނު އެންމެ ރީތި އެއް ބަތަލާ މަދޫބާލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮޕިކް ފިލްމުގެ މަސައްކަތް އަނެއްކާވެސް ފަސްކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ މި ބައޮޕިކްގެ ދާދިފަހުން ރަސްމީކޮށް އިއުލާނުކުރީ ވެސް ފިލްމު ވުޖޫދަށް އަންނާނެކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށެވެ.
ބަތަލާ އާލިއާ ބަޓް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ޑާލިންގްސް" ގެނެސްދިން ޖަސްމީތު ކޭ ރީން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ބައޮޕިކްގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވަނީ ޕްރޮޑިއުސަރުން މުޅިން ތަފާތު ފައިނެންޝަލް ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަދޫބާލާ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުއާ އެކު--ފޮޓޯ/މަސާލާ
މިދިޔަ އަހަރުގެ މާޗް މަހުތެރޭ މަދޫބާލާގެ ބައޮޕިކް ރަސްމީކޮށް އިއުލާނުކުރިއިރު ޕްލޭން ކުރީ މި އަހަރުތެރޭ މި ފިލްމުގެ މަސައްކަތް ފެށުމަށެވެ. ސޮނީ ޕިކްޗާސް އާއި މަދޫބާލާ ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު އުފެއްދުމަށް ކުރިން ކަނޑައެޅި ބަޖެޓަކީ 100 ކްރޯޑު ރުޕީސްއެވެ. އެއީ ގާތްގަނޑަކަށް 12 މިލިއަން އެމެރިކާ ޑޮލަރެވެ.
ނަމަވެސް މި ފިލްމުގެ ކޮސްޓިއުމާއެކު ފިލްމުގެ ވިޝުއަލްއަށް ވެސް ބޮޑު ޚަރަދެއް ދާނެތީ އިތުރަށް ފިލްމަށް ފައިސާ ބޭނުންވާ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
ފިލްމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދު ނުކޮށް ފިލްމު ނިންމާލެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް ވަގުތު ބޭނުންވާތީ ފިލްމުގެ މަސައްކަތް ފެށުން އިހަށް ފަސްކޮށްލީ ކަމަށް ފިލްމުފެއާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
ރީތިކަމާ އެއްވަރަށް މަދޫބާލާ އަކީ ހިންދީ ސިނަމާގައި އޭރު މަސައްކަތްކުރި ގިނަ ބަތަލާއިންނަށް ގޮންޖަހާލުމަށްފަހު ކުޑަ ދުވަސްކޮޅެއްގެތެރޭ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމީ ތަރިއެކެވެ.
'ވީނަސް އޮފް އިންޑިއަން ސިނަމާ'ގެ ނަމުން މަޝްހޫރުކަން ހޯދި ބަތަލާ މަރުވެފައި ވަނީ އުމުރުން އެންމެ 36 އަހަރުގައި 1969ވަނަ އަހަރުއެވެ.