01 Aug 2012, 14:27
ސަރުކާރާ ދެކޮޅަށް ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނާ ދިމާލަށް ޕޭމަންޓް ގަލާއި ފެންފުޅިއާއި އެނޫން ވެސް އެފަދަ ބައެއް ތަކެތި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން މިއަދު ބުނީ މިއަހަރުގެ ޖުލައި މަހުގެ ކުރީ ކޮޅުން ފެށިގެން މާލެތެރޭގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް އެކޮމިޝަނުން އޮބްޒާވްކުރަމުން އަންނަ ކަމަށާއި އެމްޑީޕީގެ މުޒާހަރާތައް ކޮންޓްރޯލް ކުުރުމަށް ހަރަކާތްތެރިވާ ފުލުހުންނާ ދިމާލަށް މުޒާހަރާގެ ބައިވެރިން ޕޭމަންޓްގަލާއި ތިމަރަ ބަރިއާއި ވަކިލާރިއާ ކޮށި ފޯކާއި ފަސް އޮށާއި މިރުސް ފެން ކޮތަޅާއި ފެންފުޅި އުކާކަން ކޮމިޝަނަށް ފާހަގަވާ ކަމަށެވެ. މީގެއިތުރުން މުޒާހަރާ ކުރާ ސަރަހައްދުތަކުގައި ފުލުހުން ޖަހާފައި ހުންނަ ބެރިކޭޑްތައް މުޒާހަރާގެ ބައިވެރިން ގެންދާ ކަމަށާއި އެތަކެތި މޫދަށް އުކާ ކަމަށްވެސް ވެސް ބުންޏެވެ.
އެމްޑީޕީގެ މުޒާހަރާތައް ރޫޅާލުމުގައި ހަރަކާތްތެރިވާ ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރަމުން ގެންދާ ކަމަށް އެމްޑީޕީއާއި އދ. އިން ބުނެފައިވާއިރު ކޮމިޝަނުން ބުނީ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު އެކަށީގެންނުވާ ބާރުގެ ބޭނުންކުރާތަން ނުފެންނަން ކަމަށެވެ. އަދި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާއެކު ދާކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮމިޝަނުން ބުނީ އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ލޮލަށް ލޭޒާ ލައިޓު އަޅުވައި ފުލުހުންނާއި ހުތުރު ބަހުރުވައިން މުހާތަބްކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި ނަމަވެސް މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ އެއްވެސް ފުލުހަކު މުޒާހަރާގެ ބައިވެރިންނާއި ނުރަނގަޅު ގޮތެއްގައި މުއާމަލާތްކުރާތަން ނުފެންނަ ކަމަށެވެ.
"ނަމަވެސް މުޒާހަރާ ރޫޅާލުމުގައާއި މުޒާހަރާ ރޫޅާލުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދިއުމުގައި ބައެއް ފަހަރު ފުލުހުންގެ ފަރާތުން އެކަށީގެންނުވާ ފަދަ އިބާރާތްތަކުން މުހާތަބުކޮށްފައިވާކަން ފާހަގަކުރެވުނެވެ،"
އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން ތިބީ ރާ ބޮައިގެން ކަމަށް ބުނެ އެމްޑީޕީން ކުރި ތުހުމަތުތަކާ ގުޅިގެން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ އެކަންތައް ތަހުގީގުކޮށްފަ އެވެ. އެދުވަހު މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން 37 ފުލުހެއްގެ ބްރެތު އެނަލައިޒް ޓެސްޓެއް ހެދިއިރު އެއިން އެއްވެސް ފުލުހަކު ރާބޮއިގެން ހުރި ކަމަށް ދައްކާފައެއް ނުވެ އެވެ.
ފުލުހުންނަށް އަމާޒުކޮށް އެމްޑީޕީގެ ބައިވެރިން ޕޭމަންޓްގާ ފަދަ ތަކެތި އުކާކަން ފާހަގަކުރެވޭ ކަމަށް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައިވާއިރު އެމްޑީޕީގެ މުޒާހާރާތައް ރޫޅަލުމުގައި މުޒާހަރާތައް އޮންނަ ސަރަހައްދުގެ ތެރެއިން މިރުސް ފެން އަޅާފައި ހުންނަ ޕެކެޓާއި ކަޅުތެލާއި ސަލްފިއުރިކް އެސިޑް އަޅާފައި ހުރި ސިރިންގްތަކެއް ފުލުހުން ހޯދައިފައި ވަނިކެވެ.
އެތަކެއްޗަކީ ފުލުހުންނަށް ހަމަލާދިނުމަށް ރައްކާކޮށްފައި ހުރި ތަކެތި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.