އިއްޔެއިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަށް ވަގުތުން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ކ. ކާށިދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ފުލުސް ސާޖެންޓް ޝަހީދު އާދަމް ހަލީމްގެ ހަދާނުގައި ކާށިދޫގައި މިއަދު ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ މާލީ ގޮތުންނާއި ސިޔާސީ ގޮތުން ގައުމު ދަށުދަރަޖައެއްގައިވާއިރު ރައްޔިތުން މަޖިލީހުން ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި މިހާލަތުގައި ރައްޔިތުން މަޖިލީހުގެ މެންބަރުން ގެޔަށް ވަޑައިގެން ތިއްބަވައިގެން ނުވާނޭ ކަމަށެވެ.

"ރައްޔިތުން މަޖިލީހުން ވެސް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ މަސައްކަތް އެބަޖެހޭ، ރާއްޖޭގެ ރައްޔިތުން ދުވާލު ބުރަ މަސައްކަތުން ގައިން ދާ އޮހޮރުވައިގެން ކުރާ މަސައްކަތުން ރައްޔިތުން ދައުލަތަށް ޓެކްސް ދިނީމައި އަޅުގަނޑުމެންނަށް މުއައްސަސާތަކުގެ ބޭފުޅުންނަށް މުސާރަދެވެނީ، މިއީ އަޅުގަނޑުމެން ގޭގައި ތިބެ ގަހެއްގައި އަޅާ މޭވާއެއްހެން އޮންނަ ކަމެއް ނޫން، މި ޓެކްސްއިން ދައުލަތް މި ހިންގަނީ، ހަމަ ހިތައް އަރާހައި ފަހަރަކު، މަޖިލީހުގައި އުޅުއްވާ ބޭފުޅުން އާ މިއަދު އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަމޭ މިއަދު އަޑުގަދަކޮށްފައި ދާނިއްޔޭ ބުނެފައި މިދަނީ، އެބޭފުޅުންވެސް ހަދާން ބަހައްޓަން ޖެހޭ ކަމަކީ، މިއީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔެކޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ވަރަށް ހަރުއަޑުން އިހުލާސްތެރިކަމާ އެކު ގޮވާލަން މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަދެވަޑައިގެން މަސައްކަތްތައް ފެއްޓެވުމަށް،"

ރައީސް ވިދާޅުވީ ގައުމުގައި ހިތައް އެރި ގޮތަކަށް ހިތައްއަރާ ކަމެއް ކުރަން ވެއްޖެ ނަމަ ގައުމެއް ދެމި އެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މަޖިލީހުގެ ތެރެއިން ސިޔާސީ ކަންކަން އެއްފަރާތްކޮށް ރައްޔިތުންގެ މަސައްކަތައިގެން އުޅެން ވެއްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް އިހުލާސްތެރި މެންބަރުން މަދުކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނުތައް ހަދައި ދައުލަތުގެ މުއައްސަސާތައް ހިމާޔަތްކޮށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާ އެ މަސައްކަތްތައް ނުކޮށް ރައްޔިތުންގެ މަޖިލިސް ހުއްޓާލެވިފައި ވާތީ އެއީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް އަދި އެކަން އަޅުގަނޑު ވަރަށް ހަރުކަށި ކަމާ އެކު ކުއްވެރިކުރަން، ... ރައްޔިތުން ހޮއްވެވީމައި އެތަން ކުރެއްވީމައި އެތާ އެތިބީ، މަޖިލީހުންވެސް މަޖިލީހުގެ މަސައްކަތް ކުރަން އެބަޖެހޭ، ގައުމު މި ހާލަތުގައި އޮއްވައި ކިހިނެތްތޯ އަޅުގަނޑުމެންނަށް ގެޔަށް ގޮސްފައި ނިދާލެވޭނީ ، ރައްޔިތުން މަޖިލީހުގެ ޒިންމާ ކޮޑުގައި އަޅައިގެން ތިއްބަވައިގެން އެބޭފުޅުންނަށް ކިހިނެތްތޯ އެހެން ހެއްދެވޭނީ؟،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި އެކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ރައީސްގެ ޒިންމާއެއް ކަމަށެވެ. އަދި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގައި އެކަން އޮންނަނީ އެހެން ކަމަށް ވިދާޅުވި އެވެ.

ސާޖެންޓް ޝަހީދު އާދަމް ހަލީމްގެ ހަދާން އާކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ދެވޭ ކޮންމެ ހަމަލާއަކީ މުޅި ދައުލަތަށް ދެވޭ ހަމަލާއެއް ކަމަށާއި ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަށް ބަޔަކު ގޮވަމުން ދާތީ އެކަމާއި ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަށް ގޮވާލައި ނަފުރަތު އުފެއްދުމަށް ގޮވާލާ ގޮވާލުންތައް ހުއްޓުވަން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"ރައީސް އެކަންޏެއް ނޫން މިފަދަ ވެރިކަމުގެ ނިޒާމެއްގައި މިފަދަ ކަންކަމަށް ފިޔަވަޅު އެޅޭނީ، އެހެން މުއައްސަސާތަކުން އެބަޖެހޭ ފިޔަވަޅު އަޅަން، އެކަމަކު އަޅުގަނޑު ހިތާމަކުރަން އެކަމުގައި އެކަށީގެންވާ ފިޔަވަޅު އެޅިފައި ނެތީމައި، ފުލުހުންނާއި ސިފައިންނަށް ހަމަލާ ދިނުމަށް ބަޔަކު ގޮވާލާއިރު އެކަން ހުއްޓުވުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން އެބަޖެހޭ، ފިޔަވަޅު އެޅެން ނެތް ނަމަ މުއައްސަސާތައް ހިމާޔަތް ކުރަން ގާނޫނުތައްވެސް ވަރުގަދަ ކުރަން އެބަޖެހެ،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒާއި ހޯމް މިނިސްޓާ ޑރ. މުހަންމަދު ޖަމީލް އަހުމަދާއި ކެބިނެޓުގެ މިނިސްޓަރުން އަދި އާދަމް ހަލީމްގެ އާއިލާގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. އަދި ކާށިދޫގައި ހުރިހާ ރައްޔިތުން ކަހަލަގޮތަކަށް ބައިވެރިވި އެވެ.