01 Aug 2012, 13:29
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ދެ މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހުކުމް ކޮށްފައި ވަނީ ޕާކިސްތާނުގެ ދެ މީހުން ކަމަށްވާ އިޝްފާގާއި އިމްތިޔާޒު ޚާންގެ މައްޗަށެވެ. ޖޫރިމަނާ ކުރުމަށް ހުކުމް ކުރި އިރު އެފައިސާ އެއްމަސް ދުވަހުގެތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ވެސް އެ ދެ މީހުންނަށް ވަނީ އަންގާފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސްރީލަންކާގެ އެއާލައިންސް އިން އެ ދެމީހުން ރާއްޖެ އައިއިރު މަސްތުވާތަކެތީގެ ބްލެޓްތަކެއް ދިރުވާލައިގެން ގެނައިކަމަށް އެ ދެމީހުންގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.
"މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހި ރާއްޖެއަށް އެތެރެކުރުމުގެ ކުށުން އިޝްފާގާއި އިމްތިޔާޒުޚާން ކުށްވެރިވެެއްޖެ ކަމަށް ކަނޑައަޅައި އިޝްފާގައި އިމްތިޔާޒު ޚާންގެ މައްޗަށް ސާބިތުވި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ 110 ވަނަ މާއްދާގެ (ނ) ގެ ދަށުން އިޝްފާގާއި އިމްތިޔާޒު ޚާނާއި ދެ މީހުންކުރެ ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، އިޝްފާގައި އިމްތިޔާޒުޚާން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އިޝްފާގައި އިމްތިޔާޒު ޚާނަށް އަންގައި މިގަޒިއްޔާ ނިންމީމެވެ،" އެ ހުކުމްގައި ވެއެވެ.