01 Aug 2012, 13:21
މާލޭގައި ރޭ ފަތިހު އަލިފާނުގެ ދެ ހާދިސާއެއް ހިނގައި އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ރޭފަތިހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ދެ ހާދިސާގެ ތެރެއިން އެއް ހާދިސާ ހިނގާފައިވަނީ މ. މާނަލްގެ ފަސް ވަނަ ބުރީގައި ކުރިން ބީނެޓް އޮފީސް ހިންގަމުން ދިޔަ ބައިގައި ކަމަށާއި އެތަން މިހާރު ބޭނުން ކުރަމުން ގެންދަނީ ގުދަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް އެއްޗެެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އެ ސަރަހައްދަށް ދިޔައިރު ބީނެޓްގެ ގުދަން ހުންނަ ބައިގެ ދޮރު ހުރީ ހުޅުވިފައި ކަމަށާއި އެދޮރަކީ ކަރަންޓް ދިއުމުން ހުޅުވޭ ދޮރެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ދޮރުހުޅުވިފައިވާ ގޮތަށް ބަލާއިރު އެކަމަކީ ގަސްދުގައި ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
"އެތަނުގެ ތެރޭގައި ހުރީ ޓީވީއާއި ގޮނޑިފަދަ ތަކެތި، އެތަނުން ޓީވީއަކާ ގޮނޑިއެއް ވަނީ ހަލާކުވެގެން ގޮސްފައި، އެކަމަކީ ގަސްދުގައި މީހަކު ކޮށްފައިވާ ކަމެއް ކަމަށް ލަފާކުރެވެނީ،" އެމްއެންޑީއެފްގެ އޮފިސަރު ވިދާޅުވި އެވެ.
މީގެއިތުރުން ރޭ ފަތިހު ހިނގި އަލިފާނުގެ އަނެއް ހާދިސާއަކީ ގ. ފިނިއާގޭގެ ލިފްޓް ގޮޅީގައި ހިންގި އަލިފާނުގެ ހާދިސާއެއް ކަމަށާއި އެތަނުގައި ރޯވެފައިވަނީ ލިފްޓް ގޮޅީ އެއްޗެހިތަކެއް އަޅާފައި ބަހައްޓާފައި ހުރި ގޯންޏެއްގަ އެވެ.
އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ އެހާދިސާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެމްއެންޑީއެފުން ދިޔައިރު އަލިފާންގަނޑު އެގޭ މީހުން ނިއްވައިލައިފައިވާ ކަމަށެވެ.
މި ދެ ހާދިސާގެ ތެރެއިން ބީނެޓްގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެެ.