22 Jun 2025, 08:43
މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"ގެ ހާއްސަ ރޯލަކުން ފެނުނު އެކްޓަރު އަކްޝަޔޭ ކަންނާގެ ފިލްމު "އަކްޝަރުދަމް: އޮޕަރޭޝަން ވަޖްރާ ޝަކްތީ" އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ 2002 ވަނަ އަހަރު އިންޑިއާގެ ފައްޅިއަކަށްދިން ހަމަލާގެ މައްޗަށް ބިނާކޮށް އުފައްދާ 2021 ވަނަ އަހަރު ޒީ5ގައި ޕްރީމިއާކޮށްފައިވާ ފިލްމެކެވެ.
އެ އަހަރު މި ފިލްމު ޕްރީމިއާކުރިއިރު ފިލްމުގެ ނަމަކަށް ދީފައި ވަނީ "ސްޓޭޓް އޮފް ސިއެޖް: ޓެމްޕްލް އެޓެކް"އެވެ. ޑިޖިޓަލް ޕްލެޓްފޯމެއްގައި ޕްރީމިއާ ކުރުމަށްފަހު ފަސް އަހަރު ފަހުން މި ފިލްމު އަލުން ތިއޭޓަރުތަކަށް ގެންނައިރު ފިލްމުގެ ނަން ބަދަލުކޮށްފައި ވަނީ އެ ހަމަލާގެ ވަރުގަދަ ކަމުންނާއި އެ އޮޕަރޭޝަންގައި މަސައްކަތްކުރި ހިތްވަރުގަދަ އަސްކަރީ އޮފިސަރުންގެ ހަނދާން އާކުރުމުގެ ގޮތުންނެވެ.

އަކްޝަޔޭ ކަންނާ އެންމެ ފަހުން މުހިއްމު ރޯލެއް ކުޅުނު ފިލްމު "ޗާވާ"ގެ މަންޒަރެއް--ފޮޓޯ/ފޭސްބުކް
މި ފިލްމަށް ދީފައިވާ އައު ނަމާ އެކު ފިލްމުގެ މުޅިން އައު ޕޯސްޓަރެއް ވެސް ޒީސްޓޫޑިއޯއިން ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. މިއީ ބައެއްގެ ގުރުބާނީ އާއި ހިތްވަރުގަދަކަން ބެލުންތެރިންނަށް އަލުން ދެއްކުމަށްފަހު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ ގާޑުން ޓެރަރިޒަމާ ދެކޮޅަށް ތެދުވެ ކުރި މަސައްކަތުގެ ވާހަކަ އަލުން އިއާދަކޮށްދޭނެ ފިލްމަކަށްވާނެ ކަމަށް ޒީސްޓޫޑިއޯއިން ވަނީ ބުނެފައެވެ.
މި ފިލްމަކީ ޒީސްޓޫޑިއޯ އާއި އަބީމަންޔޫ ސިންގް ގުޅިގެން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ފިލްމުގައި އަކްޝަޔޭ ކަންނާގެ އިތުރުން ގޯތަމް ރޯޑް، ވިވެކް ދަހިޔާ އަދި އަކްޝޭ އޮބޮރޯއި މުހިއްމު ރޯލްއިން ފެންނާނެއެވެ.