ރާއްޖޭގައި ޓީޗަރުންގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށާއި ގާތްގަނޑަކަށް 600 ސެން ޓީޗަރުން މިހާރު ވެސް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޓީޗަރުންގެ ދަތިކަމަކީ ރާއްޖޭގައި އަބަދު ވެސް އޮންނަ މައްސަލައެކެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި އެ މައްސަލައަށް އޮތް ހައްލަކީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ތައުލީމީ ދާއިރާ ގުޅުމެވެ. އެއީ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ޕޮލިސީ މޭކަރުންގެ ގޮތުގައެވެ.

"ޓީޗަރުން ލިބުން ދަތި. ސެން ޓީޗަރުން މިހާރު ވެސް ގާތްގަނޑަކަށް 600 ޓީޗަރުން ބޭނުންވޭ. ޕްރައިމަރީ ދާއިރާއަށް ގާތްގަނޑަކަށް 200އެއްހައި ޓީޗަރުން ބޭނުންވޭ. އެކިއެކި ރަށްރަށުގައި ދިވެހި އިސްލާމް ކިޔަވައިދޭން ބޭނުންވާ ޓީޗަރުން ލިބުމުގެ ދަތިކަން މި ވަނީ އަޅުގަނޑުމެންނަށް ފޯރާފައި"އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިސާލު ނަންގަވައި، މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް ވަނީ މޮޅެތި މީހުން ކަމަށެވެ. އޭރުން ގައުމަށް އަންނަ ބަދަލު މާ ތަނަވަސްވެފައި، މާ ފަހިވާނެ ކަމަށް ވިދާޅުވިއެވެ.

"މޮޅެތި ޓީޗަރުންނަށް މޮޅެތި ކުދިން އުފެއްދޭނީ، މޮޅެތި މީހުންނަށް ގައުމު ކުރިއެރުވޭނީ"އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

އުނގެނުމަށް ފަހި މާހައުލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ތައުލީމީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ އޯލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ފާސްނުވުމެވެ. އޭގެ ތެރެއިން 54 ޕަސެންޓު ދަރިވަރުން ފާހެއް ނުވެއެވެ.

އޯވެލެވް ހަދާ ދަރިވަރުންގެ ތެރެއިން ފިރިހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 44 އިންސައްތައިގައެވެ. އަދި އަންހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 56ގައެވެ.

އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންނާ ދެމެދު، މި ފަދަ ފަރަގެއް ހުރުމަކީ ގޮންޖެހުންތަކަށް މަގުފަހިވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ހައްލު ކުރުމަށް ޓަކައި، ފިރިހެން ދަރިވަރުން ދަށްވާ ސަބަބުތައް ދެނެގަންނަން، މި އަހަރު ތެރޭގައި އެ މިނިސްޓްރީން އެސެސްމަންޓެއް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.