01 Aug 2012, 13:11
ލައިފް ފުޅިއަކަށް އަޅައިގެން ބަނގުރާ ގެންގުޅުނު މީހަކު 1000ރ. އިން ޖޫރިމަނާ ކުރުމަށްފަހު އެ ފައިސާ ހަތްދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ބަނގުރާ ގެންގުޅުމުގެ ކުށުގައި 1000ރ. އިން ޖޫރިމަނާކޮށްފައި ވަނީ ސ. ފޭދޫ، ބަހާރީގޭ މުހައްމަދު ސާލިމް އަހުމަދު އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ޑިސެމްބަރު 6، 2009 ގެ ދަންވަރުގެ ވަގުތެއްގައި ސާލިމް އިތުރު މީހަކާއެކު މާފަންނު ފުނަ ގޯޅިތެރޭގައި ހުރިއިރު އޭނާގެ އަތުގައި ލައިފް ފެން ހުސްކުރި ފުޅިއެއް އޮތްތަން ދުށް ކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަހުން އެނގޭ ކަމަށެވެ.
އަދި އޭނާ ހުރިތަނަށް ފުލުހުން ދިޔަ އިރު އޭނާގެ އަތުގައި އޮތް ފުޅި އޮތީ އެތަނުގައި ހުރި ކަރަންޓް ފޮއްޓެއްގެ މަތީގައި ބަހައްޓާފައި ކަމަށާއި އެ ފުޅީގައި ހުރިތަކެތި ތަހުލީލު ކުރިއިރު ބަނގު ރަލަށް ޕޮޒިޓިވް ވެފައިވާއިރު އެ ފުޅިއަކީ ސާލިމްގެ ފުޅިއެއްކަމަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.