މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވިޔަފާރިތަށް އޮޑިޓް ކޮށްގެން މީރާއަށް ޓެކްސްގެ އާމްދަނީގެ ގޮތުގައި އިތުރު 16.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.

މީރާއިން އާންމު ކޮށްފައިވާ އެ އޮތޯރިޓީގެ ދެވަނަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން ޖީއެސްޓީ ދެއްކި ފަރާތްތަކުގެ ތެރެއިން 90 ތަނެއްގެ އޮޑިޓް ކުރި އެވެ. އެތަންތަން އޮޑިޓްކޮށްގެން 10.6 މިލިއަން ރުފިޔާ މީރާއަށް ލިބުނެވެ. އަދި ހަމަ އެ މުއްދަތުގައި ވިތް ހޯލްޑިން ޓެކްސް ދެއްކި 30 ތަނެއް އޮޑިޓް ކޮށްގެން މީރާއަށް އިތުރަށް 5.8 މިލިއަން ރުފިޔާ ލިބުނެވެ.

މީރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ މީރާއިން ވިޔަފާރިތައް އޮޑިޓް ކުރަނީ އެހެން ކުންފުނިތަކުގެ ހިސާބުތަކާއި ތަފާތުވާ ތަންތަނާއި އަދި ކުންފުންޏަކާ މެދު ޝަކުވާ ހުށަހެޅުމުން ކަމަށެވެ. މީރާއިން ވިޔަފާރިތަށް އޮޑިޓް ކުރުމަށް ހިންގާ ޕްރޮގްރާމް ވަކި ރޫޓިންއެއްގެ ދަށުން ކުރިއަށް ގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ އިންޓާނަލީ ބަލާނީ ހިސާބުތައް، ބަލާފައި ވަރަށް ބޮޑަށް ތަފާތު ފެންނަ ހިސާބުތައް މިތަންތަން އަޅުގަނޑުމެން އޮޑިޓް ކުރަނީ، ނޫނީ ޝަކުވާއެއް ހުށަހެޅުނަސް މިކަން ކުރަން، އެގޮތަށް އަޅުގަނޑުމެން އޮޑިޓް ކުރަމުން ދާނަން ކޮންމެ ކުއާޓާއެއްގެ ތެރޭގައިވެސް،" އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުވެސް ވިޔަފާރިތަށް އޮޑިޓް ކޮށްގެން މީރާއިން އިތުރު އެއްމިލިއަން ރުފިޔާ ޓެކްސް އާމްދަނީގެ ގޮތުގައި ހޯދި އެވެ.

މީރާއިން ވަނީ މިދިޔަ ކުއާޓާގައި ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މީރާއިން ވަނީ މާލޭ ސަރަހައްދުގެ 1757 ވިޔަފާރިއަކަށް ޒިޔާރަތްކޮށް އިންޕެކްޝަން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

އެ ޕްރޮގްރާމްތަކުގައި ވިޔަފާރި ފައިދާއިން ނަގާ ޓެކްސްއާ ބެހޭ މައުލޫމާތު ދީ އަދި ޓެކްސް ބަޔާން ތައްޔާރު ކުރާނެ ގޮތުގެ މައުލޫމާތުތައް އަންނަނީ ދެމުންނެވެ. އަދި ހިސާބުތައް ޗެކްކޮށްވެސް ހަދަ އެވެ.

މީރާއަށް ޓެކްސް ނުދައްކައިގެން 158 ވިޔަފާރިއެއްގެ ނަންވެސް މީރާއިން ވަނީ ގެޒެޓްގައި އިއުލާންކޮށްފަ އެވެ. މިދިޔަ ކުއާޓާގައި މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 1.4 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ފާއިތުވިއިރު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.