ރާއްޖެ ޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ފުލުހުން ނިންމާފައިވާ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރާއްޖެޓީވީން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރާއްޖެޓީވީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އިއްޔެ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ރާއްޖެ ޓީވީން ފުލުހުންނާ ބެހޭގޮތުން ހަގީގަތާއި ހިލާފު ހަބަރާއި މައުލޫމާތު ފަތުރަމުން ގެންދާ ކަމަށް ބުނެ ރާއްޖެ ޓީވީ އެއްބާރުލުން ދިނުން ހުއްޓާލަން ފުލުހުން ނިންމައިފައިވާ ނިންމުމަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ރާއްޖެޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލަން ފުލުހުން ނިންމުމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އަދި 29 ވަނަ މާއްދާގެ ދަށުން ކަށަވަރުވާ ހައްގެއް ނިގުޅައިގަތުން ކަމަށާއި ފުލުހުންގެ އެއަމަލަކީ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ހަނިވެގެންދާ ފަދަ އަމަލެއް ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އެމައްސަލަ ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހަމަހަމަ ކަމާއެކު ރާއްޖޭގެ މީޑިއާތަކާ މެދު ފުލުހުން އަމަލް ކުރަމުން ނުގެންދާ މައްސަލަވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ފުލުހުން ނިންމާފައިވަނީ ފުލުހުންގެ ގަދަރާއި ހުރުމަތް ކަނޑާލައި ފުލުހުންގެ ހިދުމަތާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށްޓަކައި ފުލުހުންގެ މުއައްސަސާ އާއި ބެހޭގޮތުން ހަގީގަތާއި ހިލާފު ހަބަރާއި މައުލޫމާތު ފަތުރަމުންގެންދާ ކަމަށް ބުނެ އެވެ.

ފުލުހުންގެ އެގޮތަށް ނިންމާފައިވަނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި އިރު ފުލުހަކު މީހެއްގެ ފޯނެއް ވަގަށް ނެގި ކަމަށް ބުނާ ވީޑިއޯއަކާއި ޕާކްކޮށްފައި ހުރި ސައިކަލަކުން ފުލުހުން ޕެޓްރޯލް ނަގާ ކަމަށް ބުނެ ވީޑިއޯތަކެއް ރާއްޖެ ޓީވީން ދައްކާފައި ވަނިކޮށެވެ. ނަމަވެސް ފުލުހުން ވަނީ އެވީޑިއޯތަކާ ބެހޭ ގޮތުން ރާއްޖެޓީވީން ގެނެސްދީފައިވާ މައުލޫމާތުތައް ދޮގުކޮށްފަ އެވެ.