"ލޯތްބާއި އަޅާލުމާ ނުލައި ދިރިއުޅުމަކީ ހަގީގަތުގައި ވޭނެކެވެ. އެންމެނަށް ލޯތްބާއި އެހީތެރިކަން ފޯރުކޮށްދޭށެވެ. އަނބުރާ އެއްޗެއް ހޯދުމުގެ ނިޔަތުގައެއް ނޫނެވެ. ސަބަބަކީ ލޯތްބާއި އެހީތެރިކަމަކީ ބަދަލުހޯފުމުގެ ބޭނުމުގައި ކުރެވޭ މުއާމަލާތަކަށް ނުވާތީއެވެ."

***

މިރެލް ފެނުނީ ގަސް ބޯ ޖަންގައްޔެއްގެ ތެރެއިންނެވެ. އެ ދޮންފައިތިލަގާ ޗަކަ ހުރިގޮތުން ކޮންމެވެސް ތަނަކަށް އެރިފައި އައިކަހަލައެވެ. އިސްތަށިގަނޑުގައި ހުރި ފަތްތައް ތަތްލައްވާފައެވެ. އަތުތެރޭގައި ކޮންމެވެސް އެއްޗެއް އޮތެވެ. މުށް ހުޅުވައިލަން ބޭނުމެއްނުވިއެވެ.

"އަހަރެން އުވައިސް ދެކުނިން..."މިރެލް މަޑުމަޑުން ބުނެލިއެވެ. "ހީޒް ގޯން.. ހީސެޑް ހީ ހޭޑް ޓު ގޯ..."

މާޒިމް ދަރިފުޅު ގެނެސް އަތުތެރެއަށް ލީއިރު އުރުޖުވާންއަށް ރޮވެމުން ދިޔައެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ. އެކަކަށްވެސް ނޭގުނީ މިރެލްގެ އެ ލަފުޒުތަކުގެ މާނައެވެ. އެކަމަކު އެކަކުވެސް އަހާކަށް ނޫޅުނެވެ. މިރެލް އެނބުރި އައިކަމަށްޓަކާ އެންމެންގެ ހިތްތައްވަނީ އުފަލުން ފޮޅިފައެވެ.

***

ކައިވެނީގެ ރޭ އެތަން ދޫކޮށްފައި ދެވުނުކަމަށްޓަކާ މަދީނާ ހިތާމައެއް ނުކުރެއެވެ. ނަމަވެސް ބައްޕަމެން ލަދުގަންނަވައިލެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. މިރެލް ގެއްލުމުން މެހުމާނުންތައްވެސް އެކަމާއި އުޅެފައި އައިއިރު އޭނަ ވަރުބަލިވެފައި ހުރިވަރުންނާއި ހާސްވިވަރުން އެތަން ދޫކޮށްފައި އައީކަމުގައި ބުނެވިދާނެ ނޫންހެއްޔެވެ؟ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ހެދުން ބަދަލުކޮށްލުމަށްފަހު ޕިޖާމާގައި ނިދަން އެރިއެވެ. ފޯނު ހުޅުވާލައިގެން އޮވެ ކިޔަންފެށީ ތާރީޚުގައި ހިނގި ޖިންނިންނާއި އިންސާނުންގެ ލޯބީގެ ހާދިސާތަކެވެ. ވަރަށް ފެންކޮށް ލިޔެފައިވާ އާދައިގެ ވާހަކަތަކެވެ. ބޮޑަށް ވައްތަރީވެސް ފުލޯކު ވާހަކަތަކާއެވެ. ނަމަވެސް މިފަދަ ލޯތްބާއިމެދު ޝޭޚުން ބުނާ އެއްޗެއްވެސް ބަލައިލަން ޖެހޭނެއެވެ.

އޭނަ ޔޫޓިއުބް ހުޅުވާލާފައި އެ މައުޟޫއަށް ސާޗްކުރަން ފެށުމާއެކު ފެނުނީ " ވެން ޖިން ފޯލް އިން ލަވް ވިތް ހިއުމަން" ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަން އިން އަންހެންކުއްޖާ ބުރުގާ އަޅާފައި ހުރިއިރު ކުރިމަތީގައި ހުރީ ޒުވާން ޖިންނިއެކެވެ. އޭނައާއި އުވައިސްފަދައިންނެވެ. އެ ތަސްވީރުގައި އެދެމީހުން ތިބީ ހަނދުގެ ރިހި އަލީގައެވެ.

ވަރަށް ގަޔާވެލާފައި ވީޑިއޯ ހުޅުވައިލަން އުޅުނުތަނާ ދޮރުގައި ޓަކިދޭން ފެށުމުން އޭނަ ކަންނެތްގޮތަކަށްގޮސް ދޮރު ހުޅުވަައިލިއެވެ.

"އުރޫޖް..."

"އާނ...ކީއްވެ؟"

"ކޮބާތަ މިރެލް؟"

"މާޒިމްއާއި ޚުޝަލްމެން ގާތުގައި...މީކާ ވަރަށް ދެރަވެފައި ހުރީ. އެހެން ހަދަން ހެޔޮނުވާނެ މަދީނާ...ކޯނޗެއް ހިތަށް އަރާފައި ހަފްލާ ދޫކޮށްލާފައި ތިއައީ؟މެހުމާނުން މަޑުކޮށްލައިގެން އެބަތިބި...އަދި މަދީނާ ތިއޮތީ ޕިޖާމާ ލައިގެން ނިދަން އަރާފައި...ބައްޕަވެސް އެބަ ގޮވާލައްވާ. ޕްލީޒް ހިނގާބަލަ..."

" ސޮރީ އުރޫޖް..އައިމް މެންޓަލީ ޑްރެއިންޑް ، މިރޭ މި ދިމާވި ހާދިސާއަށްފަހު.....ނޭގޭ...ދެން މީހުންނާއި ކުރިމަތިލުމުގެ ހިތްވަރެއްނެތް..."

"މީކާ ކިހާ ލަދުގަންނާނެ...ފާޑަކަށް ރިޖެކްޓްކުރީނު.."

"ކީއްވެ އުރޫޖްއަށް އަންޑަސްޓޭންޑް ނުވަނީ.....ލީވް މީ އެލޯން..."މަދީނާގެ އަޑުގައި ރުންކުރުގޮތެއްވިއެވެ. މަދީނާގެ ފަރާތުން ދުވަހަކު ނުފެންނަ ހަރުކަށިކަމާއި ރުޅިއެއް ފެނުމުން އޭނަގެ ހިތަށްވެސް ފިނިވެގެން ދިޔައެވެ. ނަބީލާފަދައިން ނަފްސާނީ މައްސަލައަކަށް ނުވުމަށް އެދި ދުޢާކޮށްފައި އޭނަ ދޮރު މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ. އޭރު ވެސް ހިތް ބިރުން ތުރުތުރުލަނީއެވެ. އަދިވެސް ހަތަރެސްފައިގެ ފިނިކަން އެއްކޮށް ނުކެނޑެއެވެ. ގޭތެރެ ހޫނުކޮށްފައިވުމުން އަރާމު ހޫނުކަމެއް އިހުސާސްވިޔަސް އޭނަގެ ހިތް ހަމަޔަކަށް ނޭޅެނީއެވެ. މަދީނާ ބުނިފަދައިން މިއީ ކައިވެންޏެއްފަދަ ބަރަކާތްތެރި މުނާސަބާއަކަށް އެންމެ ރަގަޅު ވަގުތެއްނޫނެވެ. ކޮންމެއަކަސް ޖެހިލުންވެފައި ދޮރުގައި ބުރަކަށި ޖައްސާލައިގެން ހުރީ އެހެން މީހުންގެ ކުރިމައްޗަށް ދާނެ ހިތްވަރު ޚުދު އޭނައަށްވެސް ނުލިބިފައެވެ.

"އުރޫޖް..."މެހެކް ބާރުު ހިނގުމެއްގައި އައިސް އޭނައާއި އަރާ ހަމަކޮށްފައި އަތުގައި ހިފިއެވެ." މަދީނާ ހަމަ އަންނަން އެއްބަސް ނުވި ދޯ..."

"އާނ...."

"ނޯ ވޮރީސް...ބައްޕަ އެކަންތައްތައް ހެންޑްލްކުރީ ބަރާބަރަށް. ބައްޕަ ބުނި ދެން މިރޭ ކަންހިގިގޮތުން ޑިލޭކޮށްލަނީއޭ.....މެހުމާނުންނަށްވެސް އަންޑަސްޓޭންޑްވާނެތާ. އެންމެން މިރެލް ހޯދުމުގައި އެމީހުންވެސް ބައިވެރިވިއެއްނު...މީކާވެސް އެހާ ކޫލް..އާތްކުއޭކެއް އަޔަސް ތޫފާނެއް އަޔަސް ބިރެއް ނުގަނެ ކުރިމަތިލާނެ. އެހާ ކޫލް.ދެރަވިޔަސް އެކަން ނުދައްކާނެ..ހަމަ ހިނިތުންވެލައިގެން ހުރީ...ފަސްކޮށްލަން ހަމަ އޯކޭ އޭ ބުނީ....."

ދެ އަންހެންކުދިން މަޑުމަޑުން ވާހަކަދައްކަމުން ބޭރަށް ނިކުތްއިރު މެހުމާނުން ދަމުންގޮސް އެތަން ހުސްވުމަކާއި ކައިރިވެއްޖެއެވެ. މީކާއިލްވެސް އެކުދިންނަށް ރޭގަނޑުގެ ސަލާމްކުރުމަށްފަހު ކާރަށް އަރައިގެން ދުއްވައިލުމުން އުރުޖުވާންގެ ހިތަށް މޮޅިވެރިކަން ވެރިވިއެވެ. ހިތާހިތުން ޝަކުވާކުރެވުނެވެ. މަދީނާ އެހާ ޒިންމާދާރުކަންކުޑަކޮށް އެތަނުން އައީ ކީއްވެހެއްޔެވެ؟މީކާއިލްގެ މަގާމުގައި އޭނަ ހުރިނަމަ އޭނަވެސް ދެރަވެ ލަދުގަންނާނެއެވެ. ފިނިގަދަކަމުން ބޭރުތެރޭގައި ގިނައިރު ނުކޮށް އޭނަވެސް މާޒިމްއާއިއެކު ގެއަށްވަނީ މާޒިމްގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދިފައި އޮތް މިރެލްގެ އިސްތަށިގަނޑާއި ކުޅެލަމުންނެވެ.

***

މާޒިމްއާއި ޚުޝަލް ބަގީޗާތެރޭގައި ކޮފީއާއި ލާޓޭ ބޯލަން ތިބީ މޭޕްލްގަހެއްގެ ދަށުގައެވެ. އެގަހުގައިވާ ހުރިހާ ފަތްތައް އޮރެންޖްކުލައިއިގާ ވާއިރު ވަޔާއެކު ހަރަކާތްކުރަނީ ހަމަ އެއް ހަމައަކަށެވެ. ބައެއްގަހުގެ ފަތްތައް ވިނަމަތީގައި ވައިރޯޅިތަކުގެ ގޯނާއާއެކު އެތަން މިތަނަށް އުކެމުންދާއިރު މަންޒަރުތައް ފުރިހަމަކުރުވައެވެ. ކުޑަ ވަށް މޭޒުމަތީގައި ލުއިކާނާތަކެއް ހުއްޓެވެ. ޚުޝަލް އެކި ވާހަކަތައް ދައްކަމުންގޮސް ކެނާންގެ ވާހަކަވެސް ފެށިއެވެ. ތިންދުވަހަށްވުރެ ގިނަދުވަސްވާންދެން އަނގައިން ނުބުނެ ތިބުން ހުއްދަނޫންކަމުގައި ބުނުމުން މާޒިމް ގެ ބުމަ ކައިރިވިއެވެ.

"ފައިން..ދެން އެކަކަށް ބްލޭމްކުރީމަ އެނިމުނީއެއްނޫން. އޭނަ އެހާ އަޅުވެރިކަމަށް ހެދިގެން އުޅޭއިރު ވާހަކަދައްކަން މަސައްކަތްކުރިތަ؟ ހަމަ އެހެން ހުރެފައި ދުރުވަނީއެއްނޫން. މިސާލަކަށް މަންމަގެ ބަލި...ސްކިޒޮޕްރީނިއާ ކޭސްއެއްކަން ރަގަޅަށް އެނގޭއިރުވެސް ޖިންނިއެއްގެ ކަމެކޭ ކިޔައިގެން....ބޭސްފެށީމަ މަންމަގެ ބަލި ފުދޭވަރަކަށް ރަގަޅު....."

"ސްލީޕިން ޕިލްސް ދިނީމަ އަބަދު ނިދާފައި އޮންނަނީ.."

"އެންޓިސައިކޯޓިކް ބޭހުން އެކަހަލަ ކަންތައް ދިމާވާނެ..."

"މަންމައަށް ޝިފާ ލިބުނީ ރުގުޔާ ކިޔެވީމަކަމަށް ކެން ގަބޫލުކުރީ ހެހެ. މާޒް ކީއްވެ ލޯ ކުރިމަތިން ފެނުނީމަވެސް ޖިންނި ސިހުރު މައްސަލަ މިގެއަށް ޖެހިފައިވާކަމަށް ގަބޫލުނުކުރަނީ. އެރޭ .....އެ ހިޔަނި...ނުދެކެންތަ؟"

"ނޮޕް.....އައި މީން...އާނ. ކޮންމެ ދުވަހަކު ހިޔަނިފެނޭ. ކަމޯން ޚުޝަލް..ފެންނަހާ އެއްޗަކީ ޖިންނިއަށް ވާން ވެއްޖެއްޔާ ދެން ސަލާމަތެއްނެތެއްނު..ގަހެއްގެ ފަތެއް ހިރިލިޔަސް ހަންޑިއެއް. ސޫތްޕެއް ގޮވާ އަޑުއިވުނަސް ޖިންނިއެއް...ސައިންޓިފިކް ހެއްކެއްނެތި ތި ސާބިތުކުރަނީ ކިހިނެއްތަ؟ އައި ބިލީވް ޖިންނި އުޅޭނެކަމަށް އެކަމަކު މިތާގައެއްނޫން.........މި އާލަމުގައެއްނޫން....."

" މަންމަ އެކަންޏެއްނޫން. އައި ތިންކް މަދީނާގެވެސް އެކަހަލަ ކޮންމެވެސް މައްސަލައެއް އުޅޭ. ޖެނެޓިކްކަމެއްވީމަ ދޯ ފެމިލީ ހިސްޓްރީ އޮތިއްޔާ ސްކިޒޮފްރީނިއާގެ ފުރުސަތު ހަ ގުނަ ބޮޑުވަނީ...80 ޕަސެންޓް ސްކިޒޮޕްރީނިއާ ކޭސްތަކަކީ ޖެނެޓިކް ކަމަށް ރިސާޗް ތަކުން ދައްކާ.............."

އެދިމާލުން ހުރި ކުޑަދޮރު ހުޅުވާލާފައި މަދީނާ ގުދުވެލިއެވެ. ރްތްކުލައިގެ ސްވެޓަރަކާއި ނޫ ޖިންސެއްލައިގެން އިސްތަށިގަނޑު މައްޗަށް އައްސާލާފައިވިއެވެ.

"ހެލޯ ޔޫ ހެންޑްސަމް ޑެވިލްސް.....މަދީނާގެ ނަން ގަންނަ އަޑުއިވިގެން..."

"މަދީނާ ކިޔަނީ އެކަނި އިންސާނުންނަކަށް ނޫނޭ..އެހެން ކިޔާ ސިޓީއެއްވެސް އޮވޭ........"ޚުޝަލް ހިނިތުންވެލިއެވެ. އަދި ޕަމްޕްކިން ޕައި އިން އެތިކޮޅެއް ދިއްކޮށްލިއެވެ.

މަދީނާ ކުޑަދޮރުން ބޭރަށް އެރިގެން އައިސް އެހެން ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"ރޭގައި ކިހިނެއްހެދީ؟"

"މޫޑެއްނެތީ...މަންމަހެން ރުޅިގަދަވެފައި ހަމަ އަޑުވެސް އިވޭ. ވާހަކަދައްކާ އަޑާއި މީހުންވެސް ފެނޭ...."މަދީނާއަށް އެވަގުތު އެހިތްވަރު ލިބުނުގޮތެއްވެސް ނޭގުނެވެ. އޭނަގެ ބޭބެމެންގާތުގައި ހިއްސާކުރީ އުވައިސްގެ ވާހަކައެވެ. އެވަރަށް އިތުބާރުކުރެވުނީ ކިހިނެއްކަމެއްވެސް ނޭގުނެވެ. އެމީހުން އޭނަ ބޭޒާރުނުކުރާނެކަން ޔަގީންވީކަން ނޭގެއެވެ. ޚާއްސަކޮށް މާޒިމް އެއީ ޖިންނިއެއްކަމަށް ނުދެކޭނެއެވެ. މާޒިމް ގަބޫލުކުރާނީ ހެލުސިނޭޝަންކަމުގައެވެ. އޭނައަށް ލޮލަށް ފެންނަ މަންޒަރުތައް ކިޔައިދިންއިރު ދެމީހުންވެސް ހިމޭންކަމާއެކު އަޑުއަހަން ތިއްބެވެ.

"އެކަމަކު...ނައު.... ހީޒް ގޯން...."މަދީނާ ވައިއަޑަކުން ބުނެލިއެވެ.

މަދީނާގެ އަނގަ ގަދަކަމުން މިޒާޖު ބަދަލުވެފައިވާވަރު މާޒިމް ދެނެގަތެވެ. ޚުޝަލް ނަމާދަށް ދިޔުމުންވެސް މާޒިމް އެކި ސުވާލުކޮށް މަދީނާ ލައްވާ ވާހަކަދައްކުވަން މަސައްކަތްކުރިއެވެ. އެނގުނީ ކޮއްކޮ ބަދަލުވީވަރެވެ. ރަގަޅަށް ނުނިދާ ހުރުމުންވެސް ބޯ ސަކަރާތްވެދާނެއެވެ. އޭނަ ބޮޑަށް ބިރުގަތީ ހަގީގަތުގައިވެސް މަންމަގެ ފަރާތުން ނަފްސާނީ ކަންތައްގަނޑު ވާރުތަވީކަމުގައި ޔަގީންކޮށްގެންނެވެ. މަދީނާ އެބުނާ މީހަކު ފެނި ވާހަކަދައްކާ އެވަރު ގުޅުމެއް އޮތިއްޔާ އެއީ ސީރިޔަސް މައްސަލައެކެވެ. ނަމަވެސް އެހެން ކޭސްތަކާއި ތަފާތެވެ. އޭނަ ޖެހޭނީ އެކުވެރި ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ.

***

މަދީނާ އުރުޖުވާންމެން ކޮޓަރިއަށް ވަދެގަތީ ޓަކިޖެހުމެއްނެތިއެވެ. ފުންމައިގެންގޮސް ޖެހުނީ އެނދުމަތީގައެވެ. އޭރު މިރެލް މުށިކުލައިގެ ބޮޑު ކަފަބުދެއް ހިފައިގެން ސޯފާމަތީގައި ޗޮކްލެޓެއްކާން އިނެވެ. ލޯ ހުއްޓިފައިވީ ކާޓޫނަށެވެ.

"އުރޫޖް. ސުވާލެއް އެބައޮތް.......ޖިންނިން ސުވަރުގެއަށް ދާނެތަ؟"

"ނޭގޭ..."އުރުޖުވާން ބުމަ އަރުވައިލިއެވެ." ކީއްކުރަން އެހެން އެހީ؟"

"މިއޮތީނު ޖިންނިންގެ ވާހަކަ. ގުރުއާނުގެ އެންމެ ފަހު ސޫރަތުގައި.مِنَٱلۡجِنَّةِوَٱلنَّاسِ މާނައަކީ ފްރޮމް އެމަންގް ދަ ޖިން އެންޑް މޭންކައިންޑް..އިންސާނުންނާއި ޖިންނިންގެ ވާހަކައިން ނިމިފައިވަނީ...ސަބަބަކީ އިންސާނުންނެކޭ އެއްފަދައިން ޖިންނިންވެސް އުފެއްދެވީ ﷲ އަށް އަޅުކަން ކުރަން. އެހެންވީމަ މުއުމިން ޖިންނިން ސުވަރުގެއަށް ދާނެ. އަހަރެން ޕާޓްނާއަކަށް ޖިންނިއެއް ބޭނުންވެއްޖެއްޔާ..ޑޭމް.....ހަނދާންނެތުނީ އަދި......."

"އެބަ އަންނަން އިނގޭ.."އޭނަ ދަމުން މިރެލްއާއި ތޮޅެ ރޮއްވައިލިއެވެ. މިރެލް މަދީނާގެ ގައިގާ ތަޅައިގަންނަން އުޅެފައި އެކަން ކާމިޔާބުނުވުމުން ރޮމުން ބިންމައްޗަށް ވެއްޓިގަތެވެ. ދެފައި ތަޅަތަޅާފައި ރޮމުން ހަޅޭއްލަން ފެށުމުން އުރުޖުވާންއަށް ދަރިފުޅު ބިންމަތިން ނެގުންވެސް ފަސޭހައެއްނުވިއެވެ. އޭނައަށް ފާހަގަވީ އެރޭ މިރެލް ގެއްލުމަށްފަހު މިޒާޖަށް އިތުރު ބަދަލެއް އައިކަމެވެ. ނިދަން އޮވެފައި ކުއްލިއަކަށް ހޭލާ ބިރުން އުޅުންފަދަ ނޫނީ މިގޮތަށް އެތައް އިރެއްވާންދެން ރުއިން ފަދަ ކަންތައްކުރެއެވެ. މާޒިމް ބޭނުންވީ ސައިކޮލޮޖިސްޓަކަށް ދައްކައިގެން ކުރިއަށް ގެންދިޔުމަށެވެ. މިވީގޮތުން ރާއްޖެދާން އޮތް ޗުއްޓީވެސް ކުޑަކޮށް ފަސްކޮށްލަން ޖެހުނީއެވެ.

***

މަދީނާ ބަގީޗާތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު އޭނަގެ ސިކުނޑީގެ މަސައްކަތް ހަލުވިކަމުން ތަފާތު ޝުއޫރުތައް ލޮލުން ފެނެއެވެ. ބައެއްފަހަރު ހެވެއެވެ. މޫނު ހަދައިލެވެއެވެ. ލޮލުތެރޭގައި ކަޅި އަނބުރައިލެވެއެވެ.

"ސީރިޔަސްކޮށް މިކާއިލްއާއި މެރީކޮށްފިއްޔާ އުވައިސް އަނބުރާ އަންނާނެ. ވަރަށް ޖޭވާނެ. އޭނަ ގެންނަންވެސް މިކަން ކުރަން އެބަޖެހޭ...."

އޭނަ މީކާއިލްގެ ނަމްބަރަށް ގުޅިއެވެ."ހޭއި ކޮންތާކު؟މިރެލް ގެއްލިގެން ޕާޓީ ކެންސަލްވިޔަސް ހަމަ މެރީކުރާގޮތަށް އިނގޭ.."

"ވަޓް؟"

"ފޯނު މައްސަލައަކަށްވާނީ. އެހާބާރަށް ބުނީމަވެސް އަޑު ނީވިގެން އަހަނީ ވިއްޔަ. މިގެއަށް އާދެބަލަ ވާހަކަދައްކަން..."

***

މާޒިމްއަށް އޭނަގެ ކޮއްކޮ ޚުޝަލްދެއްކި ވާހަކަތަކުން އަސަރުކުރިއެވެ. އެ ލަފުޒުތައް ހިތުގައި ބީހިލިއެވެ. އޭނައަށް ފޮނުވި ޕޯސްޓްކިޔައިލުމުން މުޅި ދުވަހު ބޮލުތެރޭގައި އެނބުރުނީ އެ ވާހަކަކޮޅެވެ. މަންމަގެ މަތިވެރި މަގާމެވެ. މައިންބަފައިންނަށް އަޅާލާ އޯގާތެރިވުމުން ދިރިއުޅުމުގައި ބަރަކާތް ލައްވާކަމެވެ. މަންމަ ފިޔަވާ އެއްވެސް އެދުމެއްނެތި ލޯބިވާނެ މީހަކު މަދުވާނެއެވެ. އެތައް ބުރަ މަސައްކަތުން ދަރިން ބޮޑުކޮށް ގުރުބާންވުމުންވެސް ކަމެއް ދިމާވާއިރަށް ހަޔާތުން ބޭރުކޮށްލަނީއެވެ. އޭނަވެސް މަންމައާއިމެދު ކަންތައްކުރީ ކޮންފަދަ އިހާނެތިކޮށްހެއްޔެވެ؟ މަންމަ މުޅިން ދުރުކޮށްލީއެވެ. ބީރައްޓެއްސެއްފަދައިންނެވެ. މަންމައާއި ރީތިކޮށް އަނގައިން ބުނެވުނު ހަނދާނެއްވެސް ނުވެއެވެ. މައިމީހާއާއިމެދު ނިކަމެތިކޮށް ހިތާ މީހުންނަށް ދެ ދުނިޔޭގައިވެސް ހުރީ ހަލާކެވެ. ބަރަކާތެއް ނުލައްވާނެއެވެ. އޭނަ ފެންކަޅިވާގޮތްވިއެވެ.

އޭނަ ކޮރިޑޯއިން ހިނގަމުންގޮސް މަންމަގެ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލިއެވެ.

"މާޒިމް...ކިހިނެއްވީ؟"ބައްޕަގެ އަޑު އިވުމުން ސިހިފައި ބަލައިލިއެވެ.

".ހްމްމް..އެއީ....ޚުޝަލް ބުނި ބޭސްތައް ކައިގެން މަންމަ އަބަދު ނިދާފައޭ އެހެންވެ ހަމަ ޗެކްކޮށްލަންވެގެން..."

"އާނ ނިދާފައި އޮތީ....އެކަމަކު ބަލާލަބަލަ...ބައްޕަވެސް މިދަނީ ނަމާދަށް.."

މާޒިމް އެތެރެއަށް ވަންއިރު ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ.

ނުނިމޭ